އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ދެވަނަ ބައްދަލުވުމުގެ ދެވަނަ ދުވަހުގެ ބައްދަލުވުން ކުރުކޮށްލެއްވިއިރު ދެ ގަައުމުން އެއްބަސްވުންތަކެއް ވެފައިނުވާ ކަމަށް ވައިޓް ހައުސްގެ ބަޔާނެއްގައި ބުނެފިއެވެ.
"އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް އާއި ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮރެއާގެ ސްޓޭޓް އެފެއަރސް ކޮމިޝަންގެ ޗެއަރމަން ކިމް ޖޮން އުން ވަނީ ވިއެޓްނާމެގެ ވެރިރަށް ހެނޯއީގައި 2019 ފެބްރުއަރީ 27-28 އަށް ބިނާކުރަނިވި ބައްދަލުވުމެއް ބާއްވަވާފައި،" ވައިޓް ހައުސްގެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ނިއުކްލިއަރ ހަތިޔާރު ނައްތާލުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެ ގޮތްތަކާއި އަދި އިގްތިސާދު ކުރިއެރުވޭނެ ގޮތްތަކާއި ބެހޭ ގޮތުން "ދެ ލީޑަރުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ދެ ބޭފުޅުންގެ ބައްދަލުވުމުގައި އެއްވެސް އެއްބަސްވުމަކަށް ވަޑައިގެންނެވިފައިނުވާއިރު މުސްތަގުބަލުގައި އިތުރު ބައްދަލުވުމެއް ބޭއްވޭނެ ކަމަށް ދެ ގައުމުގެ ޓީމުން ވެސް ދެކޭ ކަމަށް ބުނެފައި ވެއެވެ.
ބައްދަލުވުން ދެ ގަޑިއެއްހާއިރަށް ކުރިޔަށްދާނެ ކަމަށް ލަފާކުރެވިފައި އޮތްއިރު ދެ ލީޑަރުން ވަނީ އޭގެ ކުރިން ވަޑައިގެންފައެވެ.
ބައްދަލުވުމަށް ފަހު މެންދުރުގެ ފަރީއްކޮޅެއް އަދި އޭގެ ފަހުން ދެ ގައުމުން އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ކުރިން ވަނީ ބުނެފައެވެ.
ރައީސް ޓްރަމްއާ އެކު ބާއްވަވާ ބައްދަލުވުންތަކަށް ފަހު ވެސް މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއްގެ ގޮތުގައި ހޮނިހިރު ދުވަހާ ހަމަައަށް ވިއެޓްނާމްގައި ކިމް މަޑުކުރައްވާނެ އެވެ.