ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 128 މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކުޑަކުދިންނާ ގުޅޭ ގޮތުން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 48 މައްސަލަ މިދިޔަ މަހު ރިޕޯޓުކޮށްފައި ވެއެވެ.
ޖިންސީ ހާނިކައިގެ 28 މައްސަލައަކާއި ޖިސްމާނީ ހާނިކައިގެ 21 މައްސަލައެއް އަދި ނަފްސާނީ ހާނިކައިގެ 11 މައްސަލައެއް ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައި ވެއެވެ. މީގެ އިތުރުން ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 10 މައްސަލައަކާއި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާލިބުމުގެ ހަތް މައްސަލައެއް އަދި އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ އެއް މައްސަލަ އާއި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާ އަށް ބޭނުންކުރުމުގެ އެއް މައްސަލަ ހުށަހަޅާފައި ވެއެވެ.
ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުން:
ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމާ ގުޅޭ 14 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ.
މި ފަދަ މައްސަލަތަކުގެ ތެރޭގައި ތަޢުލީމަށް ހުރަސް އެޅުމުގެ 12 މައްސަލަ އަދި އުފަންވުން ރަޖިސްޓްރީނުކުރުމާ ބެހޭ 2 މައްސަލަ ހިމެނެއެވެ
ޢާއިލީ މައްސަލަތައް:
ޢާއިލީ 47 މައްސަލަ މިދިޔަ މަހު މިނިސްޓްރީ އަށް ވަނީ ހުށަހަޅައިފައެވެ.
މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 27 މައްސަލައާއި ކުދިން ބެލުމުގައި ދިމާވާ 12 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 3 މައްސަލަ ހިމެނެއެވެ.
ކުށް ކުރާ ކުޑަކުދިން:
މި ފަދަ މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތި ގެންގުޅުމުގެ 1 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ.
ކުޑަކުދިންގެ އަޚުލާޤީ މައްސަލަތައް:
ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 19 މައްސަލައެއް ހުށަހަޅާފައި ވެއެވެ.
މި ފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުންނުވުމުގެ އަށް މައްސަލަ އަދި ގެއިން ނުކުމެގެން ދިޔުމުގެ ހަ މައްސަލަ ހިމެނެއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ:
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 47 މައްސަލަ މިދިޔަ މަހު މިނިސްޓްރީ އަށް ވަނީ ހުށަހަޅައިފައެވެ.
މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. މި ބާވަތުގެ 21 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައި ވެއެވެ.
މީގެ އިތުރުން، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 14 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ 4 މައްސަލަ، އިހުމާލުވުމުގެ 3 މައްސަލަ، ރޭޕްކުރުމުގެ 3 މައްސަލަ، ޖިންސީ ހާނީއްކަކުރުމުގެ އެއް މައްސަލަ އަދި ޖިންސީ ފުރައްސާރަކުރުމުގެ އެއް މައްސަލަ ހިމެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން:
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 15 މައްސަލައެއް މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ އަށް މައްސަލަ އާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ހަތް މައްސަލައެވެ.
އަމިއްލަ ނަފުސަށް ގެއްލުން ދިނުން:
އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ ތިން މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.