އެކްސިޑެންޓްތައް މަދުކުރެވޭނީ އަމިއްލަ ފަރުދީ ޒިންމާ ވެސް އަދާކޮށްގެން ކަމަށް ޓްރާންސްޕޯރޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރި ކުރުވުމުގެ ގޮތުން މަައުލޫމާތު ފޯރުކޮށްދިނުމަށް ބުރާސްފަތި ދުވަހު ބޭއްވި ކެމްޕެއިން އިފްތިތާހުކޮށްދެއްވަމުން މިނިސްޓަރ ވިދާޅުވީ، ދުއްވާ ފަރާތްތަކުން ދުވެލި މަޑުކޮށް، އަމިއްލަ ރައްކާތެރި ކަމާ މެދު ވިސްނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ކޮންމެ މީހަކު ވެސް ކުރަންޖެހޭ ކަމެއް ކަމަށާއި، ޤާނޫނުތަކާއި ޤަވައިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމުން ފެންނަ ހިތްދަތި މަންޒަރުތައް ދިވެހި މުޖުތަމައުން ފެންނަ މިންވަރު އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކޮންމެ މީހަކީ ވެސް އަމިއްލަ ފަރުދީ ޒިންމާ އަދާކުރައްވާނެ ބޭފުޅެކޭ. އަޅުގަނޑުމެން ކަންތައްތަކެއް ހައްލުކުރުމަށް އެކްސިޑެންޓްތަކެއް މަދު ކުރުމަށް ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް އެކަމެއް ނުހުއްޓޭނެ އަދި މަދެއް ވެސް ނުވާނެ ތިމާގެ އަމިއްލަ ޒިންމާ، ތިމާގެ ފަރުދީ ޒިންމާ އިން ނުފައްޓައިފި ނަމަ. އަޅުގަނޑު އާދޭހާ އެކު ދަންނަވާލާނީ މި ހިނގާ ކަންތައްތަކާ މި ހިނގާ އެކްސިޑެންޓްތަކާ މަދުކުރުމަށް އަޅުގަނޑުމެންގެ ހަމަ ހުިރހާ ރައްޔިތުން ވެސް އެއްބާރުލުން ދެއްވުމަށް، ކުރިިއަށް އޮތް ތާނގައި ވެސް ދުވެލި މަޑުކުރައްވާނެ ކަމަށް އުއްމީދުކުރަން," މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަަކަފުޅުގައި ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މިނިސްޓްރީން ކުރާ މަސައްކަތްތަކަށް އެކި ފަރާތްތަކުން ދޭ އެއްބާރުލުން ފާހަގަކުރައްވައި އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އެގޮތުން ފުލުހުންނާ، ގުޅިފައިވާ މިނިސްޓްރީތަކާއި، ޔުނިސެފަށް ވެސް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައި ވެއެވެ.
އޭގެ އިތުރުން، އަންނަ މަހު 10 ވަނަ ދުވަހުން ފެށިގެން ސިނަމާލެ ބްރިޖް ހުރަސްކުރާ ފަރާތްތަކުން ހެލްމެޓް އަޅަން މަޖްބޫރުކޮށްފައިވާއިރު، އާންމުންނަށް 5000 ހެލްމެޓް ހިލޭ ބަހާ ޕްރޮގްރާމް ވެސް ބުރާސްފަތި ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ހެލްމެޓް ލިބެނީ ޓްރާންސްޕޯޓުން ހިންގާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުންނެވެ.
މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް ނާޅައި، ބްރިޖް ހުރަސްކޮށް ދަތުރުކުރާ ނަމަ އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.