މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯގެ ތެރެއިން ހަތަރު ސެމިނަރ ކުރިއަށްދާނެ ކަމަށް އިވެންޓް އިންތިޒާމްކުރާ އަސަރީ ސާރވިސަސްގެ ފަރާތުން ބުނެފިއެވެ.
އެ ކުންފުނީގެ ފަރާތުން މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާރވިސަސްއާ ގުޅިގެން ކުރިއަށްގެންދާ މި އެކްސްޕޯ ފެށުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން މާރޗް 02 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ސެމިނަރތައް ރާއްޖެއިން ބޭރުގެ ޕްރޮފެޝަނަލުން ހުށަހަޅާއިރު އޭގެ ތެރޭގައި އެވޯޑް ވިނިންގ ހަތަރު ޝެފުން ހިމެނެއެވެ. އަދި މި ސެމިނަރތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ ކުންފުނީގެ ފަރާތުން ވަނީ ހިލޭ ހުޅުވާލާފައެވެ.
ބުދަ ދުވަހު ޝީ ބިލްޑިންގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސަރީ ސާރވިސަސްގެ ފަރާތުން އިވެންޓް ޑިރެކްޓަރ އައިޝަތު މުއީނާ ވިދާޅުވީ މި އަހަރުގެ އެކްސްޕޯގައި ވެސް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ގިނަ އިންސްޓިޓިއުޓްތަކުން ބައިވެރިވާނެ ކަމަށާއި އެކްސްޕޯ އަށް ވަރަށް ގިނަ ފަރާތްތަކެއްގެ ތަރުހީބު ލިބިފައިވާ ކަމަށެވެ.
މި އަހަރުގެ އެކްސްޕޯގައި މިހާތަނަށް މެލޭޝިއާ، ޖަރުމަންވިލާތް، ސްރީލަންކާ ފަދަ ޤައުމުތަކުގެ 46 އަށް ވުރެ ގިނަ އިންސްޓިޓިއުޓްތަކުން ބައިވެރިވެފައިވާއިރު ރާއްޖޭގެ އިންސްޓިޓިއުޓްތަކުން ވެސް ވަނީ ބައިވެރިވެފައެވެ. އެގޮތުން ރާއްޖޭގެ ބައެއް މަޝްހޫރު ކޮލެޖްތައް ކަމުގައިވާ ވިލާ ކޮލެޖާއި އެމްއައި ކޮލެޖްގެ އިތުރުން އެވިޑް ކޮލެޖުން ވަނީ މި އެކްސްޕޯގައި ބައިވެެރިވެފައެވެ.
މި އެކްސްޕޯއަކީ ރާއްޖޭ އާއި ރާއްޖެ އިން ބޭރުން ލިބެން ހުންނަ ތައުލީމާއި ތަމްރީނު އަދި އިލްމު އުނގެނުމާ ގުޅޭ ތަފާތު ގިނަ މައުލޫމާތު ދަރިވަރުންނާއި ބެލެނިވެރިންނަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ބާއްވާ އެކްސްޕޯއެކެވެ.
މި އެކްސްޕޯ އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދޭ ގޮތުގައި، "މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ"ގެ އަމާޒަކީ ދަރިވަރުންނާއި ބެލެނިވެރިން އަދި މަތީ ތަޢުލީމަށް ޝައުޤުވެރިވެލައްވާ ހުރިހާ ބޭފުޅުންނަށް ވެސް ބޭނުންހުރި މުހިންމު ފުރުސަތުތައް އެކްސްޕޯގެ ޒަރީއާ އިން ހުޅުވާލަދިނުމެވެ. މަތީ ތަޢުލީމު އަދާކުރަމުން އަންނަ ފަރާތްތަކާއި އަދި ތަޢުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނަށް ވަރަށް މުހިންމު ވާރކްޝޮޕްތަކެއް ވެސް މި އެކްސްޕޯގައި ކުރިއަށްދާނެ ކަމަށް އިންތިޒާމްކުރާ ފަރާތުން ބުންޏެވެ.