ޕްރޮސެކިއުޓަރު ޖެނަރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެނައީ ގޮތެއް ނުނިންމައި މަޖިލީހުގައި އެ މައްސަލަ ލަސްކުރުމުން ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވިދާޅުވެއްޖެއެވެ.
އެ މައްސަލަ އަނބުރާ ނެގުމަށް ނިންމަވައި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް ބުދަ ދުވަހު މެމްބަރު އަބްދުﷲ ވަނީ ސިޓީއެއް ހުށަހަޅުއްވާފައެވެ. އެ ސިޓީގެ ކޮޕީއެއް ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ.
އެ ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅާފައިވާތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި އެ މައްސަލާގައި ވަކި ގޮތެއް ނުނިންމައި، ކޮމެޓީއަށް ހުށަހަޅާ އެހެން މައްސަލަތައް ނިންމަވަމުން ގެންދާ ކަމަށެވެ. އޭނާ ވިދާޅުވީ ބިޝާމްގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގުޅިފައިވާ ޕާޓީތަކުގެ ޕާލެމެންޓްރީ ގްރޫޕުގައި މަޝްވަރާކޮށް ގޮތެއް ނިންމުމަށްފަހުގައި ކަމަށާއި އެ މައްސަލަ ކޮމެޓީގައި ކުރިއަށް ނުދާތީ ކޮމެޓީގެ މުގައްރިރާއި ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒާ ވެސް މަޝްވަރާކޮށްފައިވާނެ ކަމަށެވެ.
"މި މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ފޮނުއްވާފައިވަނިކޮށް، މާ ފަހުން، ކޮމެޓީއަށް ގޮތެއް ނިންމުމެވުމަށް ހުށަހެޅި މައްސަލަތައް ވެސް ނިންމަވާފައިވާ ކަން މި ފުރުސަތުގައި ފާހަގަކޮށްލަމެވެ،" މަޖިލީހުގެ ރައީސަށް މެމްބަރު އަބްދުﷲ ފޮނުއްވެވި ސިޓީގައި ވެއެވެ.
ޕީޖީ ބިޝާމްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހައްޔަރުކޮށް، އިންސާފުން ބޭރުން ދައުވާތަކެއްކޮށް، ބަންދުކުރި މައްސަލާގައެވެ.
މިއީ ބިޝާމްގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅުމަށްފަހު، އެ މައްސަލަ އަނބުރާ ގެންދިޔަ ދެ ވަނަ ފަހަރެވެ.