ރަނގަޅު ފާހަގަ ފިޔަވައި އިތުރު ކުރެހުމެއް ކުރަހައިފިނަމަ ވޯޓު ބާތިލްވާ އިސްލާހު ފަސް މެމްބަރުންގެ ކޮމިޓީއަކަށް ފޮނުވައިފިއެވެ.
ރަނގަޅު ފާހަގަ ފިޔަވައި އިތުރު ކުރެހުމެއް ކުރަހައިފިނަމަ ބާތިލްވާ ގޮތަށް އިންތިޚާބާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ބުދަދުވަހުގެ ޖަލްސާއަށް ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ މެމްބަރު އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)އެވެ. މި ބިލް ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ވަނީ ފޮނުވާފައެވެ.
ފަސް މެމްބަރުންގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް، ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު،މަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަރީފް، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރުއެވެ.
ޝާޑު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު ކަރުދާހަކީ ބާތިލު ވޯޓެއް ކަމަށެވެ.
ބުދަ ދުވަހުގެ ޖަލްސާގައި ވަނީ "ފްރޭމްވާކް އެގްރީމަންޓް ފޯ އެސްޓަބްލިޝިން އިންޓަނޭޝަނަލް ސޯލަ އެލަޔަންސް" ރާއްޖެ އިން ތަސްދީގު ކުރުމަށް ފެންނަ ކަމަށް މަޖިލިހުން ވަނީ ރުހުން ދީފައެވެ.