ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ އަނެއްކާ ވެސް އަނބުރާ ނަގައިފިއެވެ.
ބިޝާމްގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އެވެ. އޭނާ ވަނީ މީހުގެ ކުރިން ވެސް އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށް ފަހު އަނބުރާ ނަންގަވާފައެވެ. އެ ފަހަރު އެ މައްސަލަ ނެންގެވުމަށް ފަހު، އޭނާ ވިދާޅުވީ މައްސަލަ އަނބުރާ ނެންގެވީ އެ މައްސަލަ އިތުރަށް ފުރިހަމަ ކުރުމަށް ކަމަށެވެ. ނަމަވެސް ދެ ވަނަ ފަހަރަށް އެ މައްސަލަ އަނބުރާ ނެންގެވި ސަބަބާ ގުޅޭ ގޮތުން ގުޅާލުމުން ޖަވާބެއް ނުދެއްވައެވެ.
މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހުށަހަޅާފައިވާ ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މެމްބަރު އަބްދުﷲ އަނބުރާ ނަންގަވާފައިވާ ކަމަށެވެ.
ބިޝާމްގެ މައްސަލަ އަނބުރާ ނަންގަވާފައި ވަނީ މައްސަލަ ހުށަހެޅިތާ ތިން މަހަށް ވުރެ ގިނަ ދުވަސްވެފައިވަނިކޮށެވެ.