އޮސްޓްރޭލިއާގެ އެންމެ އިސް ފާދިރީ ކަމުގައިވާ ޖޯޖް ޕެލްގެ މައްޗަށް ކުޑަކުދިންތަކަކަށް ޖިންސީ ގޯނަކުރި ކަމުގެ ކުށް ސާބިތުވުމާ ގުޅިގެން އޭނާ ހައްޔަރުކޮށް ޖަލަށް ލައިފިއެވެ.
ކަފާލާތުގެ ދަށުން ދޫކޮށްލާފައި ހުރި ފާދިރީގެ މައްޗަށް ސާބިތުވީ 1996ވަނަ އަހަރުގެ ތެރޭގައި ދެ ފިރިހެން ކުއްޖަކާ ބެހުނު މައްސަލައެވެ. ޕެލް ވަނީ އޭނާގެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.
ޕެލްގެ މައްސަލަ ބެލި ޖޫރީގެ އިއްތިފާގުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ. އޭނާގެ މައްޗަށް އުފުލި ކުޑަކުއްޖަކާ ގަދަކަމުން ބެހުމުގެ ދެ ދައުވާ ވެސް ވަނީ ސާބިތުވެފައެވެ. މި މައްސަލައިގެ އަޑުއެހުންތަކުގައި ޕެލް ޖިންސީ ގޯނާ ކުރި އެކަކު ހެކިބަސް ދީފައިވާ އިރު، އަނެއް ކުއްޖާ ވަނީ 2014 ވަނަ އަހަރު މަސްތުވާތަކެތީގައި އޮވަރޑޯޒް ވެގެން މަރުވެފައެވެ.
ކުރިން ވަޓިކަންގެ ހަޒާންދާރުގެ މަގާމު ވެސް އަދާކޮށްފައިވާ ޕެލްއަކީ މިހާތަނަށް މިކަހަލަ ދައުވާއެއް ސާބިތުވީ ނަސާރާ ކެތޮލިކުންގެ އެއްމެ އިސް ފަރާތެވެ. އަދި ދައުވާ އުފުލައިގެން މިއަދާ ހަމައަށް ވެސް އޭނާ ހުރީ ކަފާލާތުގެ ދަށުން މިނިވަންކޮށްފައެވެ.
ފާދިރީން ކުޑަކުދިންނާ ބެހުމުގެ މައްސަލަތައް ގިނަވެފައިވާ އިރު، ވަޓިކަންގެ އިސް ފަރާތްތަކުން މިކަމަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅޭ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި ވަޓިކަންގައި މަސައްކަތް ކުރާ ފާދިރީން މިކަންކަން ފޮރުވަން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ވެސް ވަނީ ކުރެވިފައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި މިހާތަނަށް ވަޓިކަންއިން ވަނީ 4000 ފާދިރީއެއްގެ ހުއްދަ ބާތިލްކޮށްފައެވެ. މި މައްސަލަތަކުގައި 10000އަށް ވުރެ ގިނަ ކުދިން ހިމެނޭ ކަމަށް ވަޓިކަންއިން ތައްޔާރު ކުރި ރިޕޯޓެއްގައި ހާމަކޮށްފައިވެއެވެ.