ހިޔަނާތާއި ފަސާދައިގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއި މަރުތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ބާރު ދިނުމުގެ ބިލު ދިރާސާކުރި ކޮމިޓީން ނިންމާފައިނުވާ ކަންތައްތަކެއް ބިލްގައި ހިމެނޭ ކަމަށް ބުނެ އެ ބިލް އަނބުރާ ކޮމިޓީ އަށް ފޮނުވާލައިފިއެވެ.
މަޖިލީހުގެ ރިޔާސަތުން ރިޔާސީ ކޮމިޝަންތަކުގެ ބިލަށް ވޯޓަށް ނާހައި މަޖިލިސް ޖަލްސާ ނިންމާލަމުން ބުނެފައިވަނީ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މައްސަލައެއް އޮތުމުން ކަމަށެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި އެ ބިލު ފާސްކުރަން އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އަދި މި ހަފުތާގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކުރުމުން ވެސް 43 މެންބަރުން ހަމަނުވުމުން އެ ބިލަށް ވޯޓަށް އަހާފައެއް ނުވެއެވެ. މެމްބަރުން ހާޒިރުނުވުމުގެ ސަބަބުން ތިން ދުވަހުގެ ޖަލްސާގައި ވެސް ބިލަށް ވޯޓަށް އެހިފައެއް ނުވެއެވެ. ގުޅިފައިވާ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އަދަދު 47 އަށް އަރައެވެ.
މިއަދުގެ ޖަލްސާގައި 60 އަށް ވުރެ ގިނަ މެންބަރުން ތިއްބެވި ނަމަވެސް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވީ އެ ބިލް ދިރާސާކުރި ކޮމިޓީގެ މައްސަލައެއް ފާހަގަކުރެވިގެން އެ މައްސަލަ ބަލަމުން ދާތީ އެ ބިލަށް ވޯޓަށް ނާހަން ރިޔާސަތުން ނިންމާފައިވާ ކަމަށެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ކަމަށްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މުގައްރިރުކަމުން ދުރުކުރުމުގެ މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
ޖަލްސާ އަށް ފަހު ރޮޒައިނާ ވިދާޅުވީ ރިޔާސަތުން ފާހަގަކުރީ ދޮގު ވާހަކަތަކެއް ކަމަށާއި ކޮމިޓީން ނުނިންމާ އެއްވެސް ކަމެއް އެ ބިލްގައި ނުހިމެނޭނެ ކަމަށެވެ. އަދި ވޯޓަށް ނޭހުމަށް ނިންމީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށާއި އެ ގޮތަށް އަމަލުނުކުރެއްވޭނެ ކަމަށެވެ. އެ ބިލް ފާސްކުރަން ބޭނުން ނުވަނީ މަރުތަކާއި ކޮރަޕްޝަންގެ ކަންކަމުގައި ބައިވެރިވާ ބަޔަކު މަޖިލީހުގައި ތިބުމުން ކަމަށް ގަބޫލުކުރެއްވޭ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.