ރައީސް ޔާމީންގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށް ބުނެ އެ ދައުވާ އަނބުރާ ނެގުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅައިފިއެވެ.
އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ވަނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ. އޭނާ މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވަނީ ރައީސް ޔާމީން ހައްޔަރުކޮށްފައި ވަނީ ސިޔާސީ ބޭނުމަކަށްޓަކައި ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
އެ ދައުވާއަކީ ސިޔާސީ ނުފޫޒުތަކެއްގެ ތެރެއިން ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން މަދަނީ މައްސަލައެއްގައި ސިޔާސީ ބޭނުމަކަށްޓަކައި ކޮށްފައިވާ ޖިނާއީ ދައުވާއެއް ކަމަށް ގަބޫލު ކުރެވޭ ކަމަށާއި ސިޔާސީ ބޭނުމަކަށްޓަކައި ރާއްޖޭގައި މިހާރު ހުރި ހަމައެކަނި އިދިކޮޅު ލީޑަރު ހިފާ ހައްޔަރު ކުރުމަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ މަގްސަދުގައި ކޮށްފައިވާ ކަމެއް ކަމަށް އެ ގަރާރުގައި ބުނެފައި ވެއެވެ. އަދި އެ ތުހުމަތު އަލުން މުރާޖައާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އިލްތިމާސަށް ހުށައަޅާ ގަރާރެއް ކަމަށް ބުނެފައި ވެއެވެ.
Raees Yameen ge Machchah Kohffaiva Siyaasee Dhau'wa Anbura Genaumah Edhi Raiyyithunge Majleehuge Qawaaidhuge 142 vana Maahdhaage Dhashun Alhugandu Miadhu Qarareh Rayyithunge Majileehah Husha Alhaifin. #FreePresidentYameen pic.twitter.com/VUoduO6nMo
— Ahmed Shiyam (@Shiyamaldives) February 27, 2019
ޔާމީންގެ މައްޗަށް ދައުވާ އުފުލީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ފައިސާ ލޯންޑަކުރި މައްސަލައިގައެވެ. އެ މަނިކުފާނުގެ އެކައުންޓަށް އެސްއޯއެފް އިން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ އިރު އޭސީސީގެ ބެލުމުގެ ދަށަށް އެ ފައިސާ ގެންދިއުމަށް ހުޅުވި އެސްކްރޯ އެކައުންޓަށް އެމަނިކުފާނު ޖަމާކޮށްފައި ވަނީ އެ ފައިސާ ނޫން ކަމަށް ޚުދު އެމަނިކުފާނު ވަނީ އެއްބަސްވެވަޑައިގެންފައެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ އެ އެކައުންޓަށް ޖަމާކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރުގެ އަތުން އެމަނިކުފާނު ބައްލަވައިގެންނެވި އެއް މިލިއަން ޑޮލަރު ކަމަށެވެ.
ރައީސް ޔާމީންގެ އިތުރުން މަނީ ލޯންޑެރިންގެ މި މައްސަލައާ ގުޅިގެން އެމަނިކުފާނުގެ ވެރިކަމުގައި ލީގަލް އެފެއާޒް މިނިސްޓަރުކަމުގައި ހުންނެވި އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ވެސް ދައުލަތުން ދެ ދައުވާއެއް އުފުލާފައި ވެއެވެ. އެ ޝަރީއަތް އަދި ފަށާފައެއް ނުވެއެވެ.