އެކާވީސްވަނަ ގަރުނުގެ ތައުލީމަށް ބަރޯސާވެ ރާއްޖޭގެ ތައުލީމީ ނިޒާމް ބައްޓަންވަމުން ދާނެކަމަށް މައިކޮލެޖްގެ ރެކްޓަރ އަދި ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އެސޯސިއޭޝަން (ފީމް) ގެ ސެކެޓްރީ ޖެނެރަލް ޑރ އާމަލް އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ޚަބަރު ފީތާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ. އާމަލް ވިދާޅުވީ ރާއްޖޭގައި ތަފާތު ވޮކޭޝަނަލް ޕްރޮގްރާމްތަކާއި އަދި ވާރޗުއަލް މޯޑްގެ ޕްރޮގްރާމްތަކުގެ އިތުރުން އެ ދަރިވަރަކު ހުރި ރަށަކުން އެދަރިވަރަކަށް އެދަރިވަރަކާއި ވީހާވެސް ކައިރިން ތައުލީމީ މުއްސަސާތައް ހުޅުވެމުން ދާ ކަމަށެވެ.
މީގެ އިތުރުން ފޯރުންތެރިކަން ކުޑަވުމުގެ ސަބަބުން މަތީ ތައުލީމު ނުދެވި މަޑުޖެހިފައި ތިބި ކުދިންނަށް ވެސް އެފުރުސަތު ވެސް މިހާރު ތަނަވަސް ވެފައިވާ ކަމަށް އާމާލް ވިދާޅުވިއެވެ.
އެހެން ކަމުން ގައުމުގައި ތިބެ މިގައުމުގައި ހުރި ތައުލީމީ ފުރުސަތުތައް ބަލާ ހޯދަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ބަވަނަ ވެފައިވާ ދުނިޔޭގައި އުޅޭއިރު ހުރިހާ ކިޔަވާ ދަރިވަރުންނަކީ ވެސް ކަންކަމަށް ހޭލާ ލޯހުޅުވިފައިވާ ބަޔަކަށް ވާންޖެހޭނެ އާމާލް ވަނީ ފާހަގަ ކުރައްވައިފައެވެ.
" ރާއްޖޭގައި ބާއްވާ ތައުލީމީ ފެއާ ތަކާއި އެކްސްޕޯތައް ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ދަރިވަރުން ކުރިއަށް ދާންބޭނުންވާ ދާއިރާ ކަނޑައެޅުމަށް. އަދި އިންޓަރނޭޝަނަލް ޔުނިވަރސިޓީ ތަކާއި ރައްޖޭގެ ކޮލެޖް ޔުނިވާރސިޓީ ތަކާއި އެއް ޕްލެޓް ފޯމަކުން ބައްދަލުވެ ބޭރުގެ އެކިކަހަލަ އާ ދާއިރާތަކުގެ ކޯސްތައް ރާއްޖެއަށް އައުމަށް މަގު ހުޅުވިގެން ދާނެ" އާމާލް ވިދާލުވިއެވެ.
އާމާލް ވިދާޅުވީ ރާއްޖޭގެ ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި ނިސްބަތުން ތަފާތު އެކިއެކި ކޯސްތަކާއި ޕްރޮގްރާމްތައް ހުރިއިރު އަދި އާ ދާއިރާތަކުގެ ކޯސްތައް ވެސް ދަރިވަރުންނަށް ޓަކައި ހުޅުވާލެވިފައިވާ ކަމަށެވެ.
އާމާލު އިތުރަށް ވިދާޅުވީ ދިވެހިންނަކީ ޒަމާނުއްސުރެން ތައުލީމަށް ލޯބިކުރާ އަދި އަތުން ވަރަށްބޮޑު ހޭދައެއް ތައުލީމަށް ކުރާ ބަޔަކު ދިރިއުޅޭ ގައުމެއް ކަމަށާއި އެހެން ކަމުން ޚާއްސަ ގޮތެއްގައި ތައުލީމީ ފަހި ފުރުޝަތުގެ ބޭނުން ހިފަންޖެހޭނެ ކަމަށެވެ.