ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްކުރުމަށް އެއްބާރުލުން ނުދެއްވާތީ ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރިޔާސީ ކޮމިޝަންތަކުގެ ބިލް އަންގާރަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށް، ބިލް ފާސްނުކުރެވި ޖަލްސާ ނިންމާލަން ޖެހުނީ ބިލް ފާސްކުރަން ބޭނުންވާ ގާނޫނީ އަދަދުކަަމަށްވާ 85 މެމްބަރުންގެ ތެރެއިން 43 މެމްބަރުން ނެތުމުގެ ސަބަބުންނެވެ.
ރިޔާސީ ކޮމިޝަންތަކުގެ ބިލް ތިން ފަހަރަށް ރައްޔިތުންގެ މަޖިލީހަށް އެޖެންޑާކޮށް، ބިލް ފާސްކުރަން ބޭނުންވާ ކޯރަމް ހަމަ ނުވެގެން ބިލް ފާސްނުކުރެވި ލަސްވަމުންދާތީވެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރިލްވާންގެ އާއިލާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން މިބޭއިންސާފުގައި ބައިވެރިވުމަކީ އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާކަމެއް ކަމަށާއި، ސަބަބަކީ ވެރިކަންކުރާ ކޯލިޝަންގެ ރިޔާސީ ވައުދު ނުފުއްދި ދިއުމާ އާއިލާއަށް އިންސާފު ނުލިބިދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ.
ރިލްވާންގެ އާއިލާގެ ބަޔާނުގައި ބުނެފައިވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހްގީގްކުރާ ކޮމިޝަންގެ މަސައްކަތްތައް ފުރިހަމައަށް އަދާކުރުމަށް މަގުފަހިކުރުމަށްޓަކައި ރިޔާސީ ކޮމިޝަންތަކުގެ ގާނޫނު ފާސްކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް ގާނޫނު ހަދައި ފާސްކުރުމުގެ ޒިންމާއާ ހަވާލުވެތިބި ރައްޔިތުންގެ މަންދޫބުން އެ ބިލް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުނުވުމަކީ، އެ އާއިލާއިން ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ.
މި ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެ އާއިލާއިން ދެކޭ ގޮތުގައި މި ގޮތަށް ބިލް ފާސްނުވެ ލަސްވުމުން ދޭހަވާކަމަކީ،އެ ބިލް ފާސްވިޔަ ނުދިނުމުގެ ނިޔަތް އޮތުމާއި ކުށްކުރި އަދި ކުށްކުރުމުގައި އެކި ގޮތްގޮތުން ޝާމިލުވާ ފަރާތްތައް ހިމާޔަތްކުރުމަށް މެމްބަރުން މަސައްކަތްކުރުން ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް މެމްބަރުން މަސައްކަތް ކުރަންޖެހޭނީ ހުރިހާ ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމަށާއި، އެ އާއިލާއިން ދެކޭ ގޮތުގައި މެމްބަރުން މަޖިލީހަށް ހާޒިރުވުމަކީ ގާނޫނީގޮތުން ލާޒިމްކަމެއްގެ އިތުރުން މިބިލަށް ވޯޓުދިނުމަކީ ކޮންމެހެން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށް ރިލްވާންގެ އާއިލާއިން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ. މަޖިލީހުގެ ހުރިހާ މެމްބަރުން ޖަލްސާއަށް ހާޒިވެ ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްކޮށްދިނުމަށް ރިލްވާންގެ އާއިލާއިން ވަނީ އެދިފައެވެ. އަދި ރައްޔިތުން ހޮވާފައިވާ ތިބި ރައްޔިތުންގެ މަންދޫބުން މަޖިލީހަށް ހާޒިރުކޮށް ދިނުމަށް ރައްޔިތުންގެ ކިބައިން އާދޭހާއި އެކު އެދޭ ކަމަށް ރިލްވާންގެ އާއިލާއިން ނެރެފައިވާ ނޫސް ބަޔާނުގައި ވަނީ ބުނެފައެވެ.
ބަޔާނުގައި ބުނެފައިވަނީ މީހުން މަރާލުމާއި ގެއްލުވާލުންފަދަ ލާއިންސާނީ އަދި ރަހުމްކުޑަ އަމަލުތައް ހިންގާ ފަރާތްތައް ހޯދުމަށް އެކުލާވާލާފައިވާ ކޮމިޝަނަށް ގާނޫނީ ބާރުވެރިކަން ލިބިނުދޭ ގޮތަށް ކަންތައްތައްކުރުމަކީ، ކުށްކުރި ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލިހަށް ހާޒިރުވުމަކީ ގާނޫނީ ގޮތުން ލާޒިމްކަމެއްގެ އިތުރުން މިބިލަށް ވޯޓުދިނުމަކީ ކޮންމެހެން އަދާކުރަންޖެހޭ ޒިންމާއް ކަމަށް އެ އާއިލާއިން ދެކޭ ކަމަށް ރިލްވާންގެ އާއިލާއިން ނެެރެފައިވާ ނޫސް ބަޔާނުގައި ވަނީ ބުނެފައެވެ. ހުރިހާ މެމްބަރުން ވެސް މަޖިލިހަށް ހާޒިރުވެ، މަރާލާފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންނަށް އަދި އެ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށް މިބިލު ފާސްކުރުމަށް ވޯޓުދިނުމަށް ރިލްވާންގެ އާާއިލާއިން ވަނީ އެދިފައެވެ. ރައްޔިތުން ތަމްސީލުކުރުމަށް ރައްޔިތުން ހޮވާފައި ތިބި މެންބަރުން މަޖިލީހަށް ހާޒިރުވުމަށް ރައްޔިތުންވެސް އެ މެންބަރުންނަށް ދަންނަވައި ދިނުމަށް، ރިލްވާންގެ އާއިލާއިން ވަނީ އާދޭހާއެކު ދިވެހިރައްޔިތުންގެ ކިބައިން އެދިފައެވެ.
އަންގާރަ ދުވަހުގެ ޖަލްސާއަށް މި ބިލް ފާސްކުރުމަށް އެޖެންޑާކޮށްފައި ވާއިރު، ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ 11 މެމްބަރަކު އަންގާރަ ދުވަހުގެ ޖަލްސާއަށް ހާޒިރުނުވެއެވެ. އެއީ ޖުމްހޫރީ ޕާޓީގެ 10 މެމްބަރުންނާއި އެމްޑީޕީގެ އެއް މެމްބަރެވެ.