ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވެގެންދާނީ ހަމައެކަނި ނަމެއްގައި ނޫން ކަމަށާއި ސިޓީއަކުން ލިބެންޖެހޭ ހުރިހާ ޚިދުމަތްތަކެއް ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެގެން ދާއިރު ލިބޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަބްދުލް ޣަފޫޜު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ މާލެ ތޮއްޖެއްސުން ނޫން ކަމަށާއި ހުޅުމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގިނަ އިމާރަތްތަކެއް އެޅިފައިވާއިރު އެ ތަންތަނުގެ ކުއްޔަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށެވެ. އަދި ވޭތިވެ ދިޔަ ފަސްއަހަރު ރާއްޖޭގެ ތައުލީމީ ނިޒާމާއި، ސިއްހީ ނިޒާމު ތަރައްގީ ވެފައިވާތަން ފެނިފައި ނުވާއިރު މިފަދަ ޚިދުމަތްތައް ލިބެން އޮތް ތަނަކަށް ރައްޔިތުންގެ ދިރިއުޅުން ބަދަލު ކުރަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޣަފޫރު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ޖަޒީރާވަންތަ ރާއްޖެއެއް ބިނާކުރުން ކަމަށާއި އެހެން ކަމުން ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެގެންދާއިރު އެސިޓީއަކުން ލިބެންޖެހޭ ހުރިހާ ޚިދުމަތްތަކަކާއި ހުރިހާ ވަސީލަތްތަކެއް ފުރިހަމަށް ލިބެން ހުންނާނެ ކަމަށެވެ.
އަދި ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެގެން ދާއިރު އެސިޓީން އެ ހުރިހާ ކަމެއް ފެނިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިފަދަ ކަންކަމަކި އަނގައިން ބުނެލާހާ ފަސޭހައިން ވާނެކަންކަން ނޫންކަން ފާހަގަ ކުރައްވަމުން ޣަފޫރު ވިދާޅުވި ކޮންމެ ކަމަކީ އެތައްބައިވަރު ޚަރަދު ތަކަކާއި އަދި އެކަމަށް އެތައް ވަގުތު ތަކެއް ނަގާނެ ކަމެއް ކަމަށެވެ.
މި ސަރުކާރުގެއަމާޒަކީ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަ ކަމާއި އެކު ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
" އަޅުގަނޑުމެން ގަބޫލުކޮށްގެން ނުވާނެ މާލޭގައި ވަޒީފާގެ ފުރުޝަތުތަކާއި އަދި ހުރިހާ ޚިދުމަތްތަކެއް ލިބެން ހުރި އިރު ޚިދުމަތް ފުރިހަމަ ކަމާއި އެކު ލިބެން ނެތް ތަންތަނުގައި ކަރަންޓާއި ކާޑާއި ފެނާއި މިތަކެތީގެ އަގު ބޮޑުވާން ޖެހޭނެ ކަމަކަށް. އެހެން ކަމަށް ވާނަމަ އެރަށްރަށުގައި އުޅޭ ބަޔަކަށް އެތައް އުނދަގޫތަކެއް ކުރިމަތިވެ އެތައް ތަކުލީފް ތަކެއް އުފުލަން ޖެހޭނެ." ޣަފޫރު ވިދާޅުވިއެވެ.
ކާޑުގެ އަގުތައް މާލެއެކޭ އެއް އަގެއްގައި އަތޮޅުތަކުން ރައްޔިތުންނަށް ލިބެން ހުރުމަކީ އުފާކުރަން ޖެހޭ ކަމެއް ކަމަށާއި ކަރަންޓާއި ފެނާއި އަދި އެހެނިހެން ޚިދުމަތްތައް ވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ ކަމާއި އެކު ލިބެން ހުންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް އޭނާ ވިދާޅުވީ ސިޓީކައުންސިލް ތަކަށާއި އަތޮޅު ކައުންސިލް ތަކަށާއި ރަށު ކައުންސިލްތަކަށް ބާރުތައް މިސަރުކާރުން ދޫކުރަމުން ދާ މަންޒަރު ފެނިގެން ދިއުމަކީ ކަންކަން ރަނގަޅު މަގުން ހިނގާކަމުގެ ހެޔޮ ފާލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.