ތިމާވެށީގެ މައްސަލަތަކަށް ވަކާލާތުކުރާ މެކްސިކޯގެ މީހަކު މަރާލުމާއި ގުޅިގެން އެތައްބަޔަކު އެ ސިޓީގެ މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްފިއެވެ.
ސާމިރު ފުލޯރެސް ސޮބެރާނެސްގެ މަރާއި ގުޅިގެން އެތައް ބަޔަކު ވަނީ މެކްސިކޯގެ މަގުތަކަށް ނުކުމެ އެކަމާއި ދެކޮޅަށް މުޒާހަރާ ކޮށްފައެވެ. ސާމިރު އަކީ ތިމާވެށީގެ މައްސަލަތަކަށް ވަކާލާތުކުރާ މީހެއްގެ އިތުރުން ނޫސްވެރިއެއްވެސްމެއެވެ.
ސާމިރު މަރުވެފައިވަނީ މެކްސިކޯގައި ހުންނަ އޭނާގެ ގެ ކަމަށްވާ "އެމިލްސިންގޯ" ގައި ހުއްޓާ ބޮލަށް ދެފަހަރަށް ބަޑި ޖެހުމާއި ގުޅިގެންނެވެ.
މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ސަރުކާރުން އޭނާ މަރާލީ ކަމަށެވެ. މުޒާހަރާގެ ބައިވެރިން އޭނާގެ ގެ ހިމެނޭ ސަރަހައްދުގައި މަޑުކޮށްގެން ތިބެ އޭނާއަށް އިންސާފު ލިބެންޖެހޭނެ ކަމަށްވެސް ގޮވަމުން ގެންދިއައެވެ.
ސާމިރު މަރާލި ސަބަބު ސާފުވެފައި ނުވާއިރު މެކްސިކޯގެ ޕްރޮސެކިއުޓަރ ބުނަނީ އެއީ ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށެވެ.
މެކްސިކޯގެ ތަރައްގީއަށްޓަކައި އެ ޤައުމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް އޭނާ ވަނީ މަސައްކަތް ކޮށްފައެވެ. އޭނާ މަރާލާފައި ވަނީ މި ޕްރޮޖެކްޓްތަށް ކުރިއަށް ގެންދިއުމަށް މިދިޔަ ހަފްތާގައި އާންމުންގެ ޚިޔާލު ހޯދާފައި ވަނިކޮށެވެ. އަދި މި ޕްރޮޖެކްޓާއި ބެހެގޮތުން އޭނާ ވަނީ މެކްސިކޯގެ ސަރުކާރާއި ވާހަކަވެސް ދައްކާފައެވެ.
މިކަމާ ގުޅިގެން މެކްސިކޯގެ ރައީސް އާންދްރޭ މެނުއެލް ލޮޕޭޒް އޮބްރޭޑަރ ވަނީ އޭނާ މަރުވުމުން ދެރަވާ ކަމަށް ވިދާޅުވެފައެވެ.
ސާމިރުގެ ޖަނާޒާ ބާއްވާފައި ވާއިރު ޖަނާޒާގައި އެތައް ހާސް ބަޔަކު ވަނީ ބައިވެރި ވެފައެވެ.
2017 ވަނަ އަހަރު ތިމާވެށިގެ މައްސަލަތަކަށް ވަކާލާތު ކުރާ މީހުން ރެކޯޑް އަދަދަކަށް މެކްސިކޯގައި މަރާފައި ވެއެވެ. ގްލޯބަލް ވިޓްނަސްގެ ތަފާސް ހިސާބުތައް ބުނާގޮތުން ބްރެޒިލަށްފަހު ދެން އެންމެ ގިނަ އެކްޓިވިސްޓުން މަރާލާފައި ވަނީ މެކްސިކޯގައެވެ.