ސަރުކާރުން ބޭނުންވާ ބައެއް ބިލްތައް ފާސް ކުރުމަށް ކުޅިވަރު ނުކުޅެ، އެއްބާރުލުން ނުދޭނެ ނަމަ ނުދޭނެ ކަމަށް ފާޅު ބުނަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ރިޔާސީ ކޮމިޝަންތަކަށް ޞާރު ދިނުމުގެ ބިލް، އަންގާރަ ދުވަހު ތިންވަނަ ފަހަރަށް އެޖެންޑާ ކުރުމުންވެސް އެ ބިލަށް ވޯޓަށް އެހޭ ގޮތް ވަނީ ނުވެފައެވެ. ކޮމިޝަންތަކުގެ ބިލް ފާސްނުކޮށް މަޖިލިސް ނިންމާލާފައި ވަނީ، ވޯޓަށް އަހަން ބޭނުންވާ ގާނޫނީ އަދަދަށް މެންބަރުން ހާޒިރުވެވަޑައި ނުގަތުމުންނެވެ.
ރާއްޖެޓީވީގެ ޕަލަސުރުހީ ޕްރޮގްރާމްގައި މިމައްސަލައާ ބެހޭ ގޮތުން ވާހަކަދައްކަވަމުން މެމްބަރު އަބްދުލްގަފޫރު ވިދާޅުވީ، ސިޔާސީ ލީޑަރެއްވެއްޖެއްޔާ މައި ބަދަ ހުންނަން ޖެހޭ ކަމަށާއި، ކޮޅަށް ތެދުވެލާފަ ސަރުކާރުން ރައްޔިތުންނަށްޓަކައި ފާސް ކުރަން ބޭނުންވާ ބިލްތައް ފާސް ކުރަން ބޭނުން ނުވާ ކަމަށް ބުނެވެންޖެހޭ ކަމަށެވެ. މަޝްވަރާގެ ތެރެއިން ކަންކަން ހަމަޖެހޭއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްބާރުލުންދޭން ބޭނުންނުވާކަން އަންގަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުލްގަފޫރު ވިދާޅުވީ ހިޔަނާތާއި ފަސާދައިގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއި މަރުތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ބާރު ދިނުމުގެ ބިލަށް ހުރިހާ ޕާޓީން އެއްބަސްވާ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށާއި، ތިން ފަހަރަށް މަޖިލިސް ތަޅުމަށް ހުށަހެޅި ކޯރަމް ހަމަނުވެގެން އެކަން ނުކުރެވޭ ހިސާބަށް ދިޔުމުން އިހުލާސްތެރިކަމާ މެދު ސުވާލުއުފެދޭ ކަމަށެވެ. އަދި މިއީ ސިޔާސީ ބޭފުޅުން އުޅޭ ގޮތް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމަ ގައުމުގެ މަސްލަހަތު އިސްކޮށް، ކުރަން ބޭނުންވާ ކަމެއް ތިމަންނާމެން މިތިބީ ކުރާށޭ. ނުކުރަން ބޭނުންވާ ކަމެއް މިތިބީ ނުކުރާށޭ. ކިޔާފަ އެކަން ރައްޔިތުންގެ ކުރިމާތީގަ ހާމަވާންޖެހޭ. އެންމެނަށް ވެސް އެނގޭ މިކަން ކުރުމުގެ ނިޔަތް ނެތްކަން. ރައްޔިތުން ކުރިމަތީގަ ބުނަންޖެހޭ ތިމަންނަމެން ތިކަން ކުރާކަށް ބޭނުމެއް ނޫނޭ. ތިޔަކަށް ވޯޓު ނުދޭނަމޭ. ދިވެހި ބަހުން ސާފުކޮށް ބުނަން ޖެހޭ." އަބްދުލްގަފޫރު ވިދާޅުވިއެވެ.
އަބްދުލްގަފޫރު ވިދާޅުވީ މިއުޅެނީ ގޮނޑުދޮށުގައި ބަތްކައްކާ ކުޅެން ނޫން ކަމަށާއި، އެޒާތަށް ކަންކަން ކުރަންޏާ މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ ބިލް ފާސްކުރަން ބޭނުންވާ ވަގުތު މަޖިލީހަށް ހާޒިރުނުވާ މަންޒަރު ފެންނައިރު، ހަތަރު ލީޑަރުންގެ މެދުގައި މިކަން ނުކުރާ ގޮތަށް ނިންމުމުން އިތުރު ނިންމުމެއް ސަރުކާރުން ނިންމާނެ ކަމަށެވެ.
ސަރުކާރުގެ އިހުލާސްތެރިކަމަށް އަލިއަޅުއްވާލައްވާ އަބްދުލްގަފޫރު ވިދާޅުވީ ހަތަރު ޕާޓީން ކުރުމަށް އެއްބަސްވި ކަންކަން ސަރުކާރުން ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ތަނެއްގައިވެސް މައްސަލަ ހުންނާނެ ކަމަށާއި، ނަމަވެސް ކަމެއްގައި ހިތްހަމަ ނުޖޭއިރު، ޖެއްސުން ކުރުމުގެ އުސޫލު ގެންގުޅޭ ނަމަ އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ. ނަމަވެސް މިއީ ސަރުކާރަށް ކުރެވޭ ޖެއްސުމެއް ނޫން ކަމަށާއި، މިއީ ރައްޔިތުންނަށް ކުރެވޭ ޖެއްސުމެއް ކަމަށް އަބްދުލްގަފޫރު ވިދާޅުވިއެވެ.
"މިސާލަކަށް ޕްރައިމަރީގައި ބައިވެރިވުމަށްފަހު، އިންތިޚާބުގައި ބައިވެރިނުވެވޭ މާއްދާ މިހާރު ސްޕްރިމްކޯޓުން ބާތިލްކޮށްފައި. ދެން މިސާލަކަށް އަޅުގަނޑުމެން ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ނުކުންނައިރުގައި، މިހިތްހަމަ ނުޖެހުން ފެށޭ ހިސާބަކަށް އަޅުގަނޑަށް ފާހަގަކުރެވެނީ ގޮނޑިތައް ބަހާފަ ދޭން އެގޮތަށް ހަމަނުޖެހުނު ހިސާބުން" އަބްދުލްގަފޫރު ވިދާޅުވިއެވެ.
އަބްދުލްގަފޫރު ވިދާޅުވީ އެހެންމީހުންގެ މަދަދުވެރިކަމުގައި ކަންކަން ހޯދަން އުޅުމަކީ ސިޔާސީ މަސައްކަތް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ހުރިހާ ޕާޓީއަކުންވެސް ނުކުމެ ވާދަކުރުމަށްފަހު، ކާމިޔާބުވާ ކެންޑިޑޭޓުން ސަރުކާރާއެކު މަސައްކަތް ކުރުމަކީ މިގައުމު ދަންނަ ނިޒާމު ކަމަށެވެ. އޭނާ ވިދާޅުވީ ގައުމުގެ ތަރައްގީގެ އިތުރުން، ކަންކަން ހާސިލްކުރުމަށް މަސައްކަތް ކުރަންޖެހޭނީ އެނިޒާމުގެ ތެރެއިން ކަމަށެވެ.