އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ ސަރަހައްދީ އިން ވަކިކޮށްދޭ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ސަރަހައްދަށް ބޮން އަޅައިފި ކަމަށް އިންޑިއާ ސިފައިން ހާމަކޮށްފިއެވެ.
އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ދިން ހަމަލާތައް އަމާޒުކުރެވުނީ ބަލަކޯޓް ސަރަހައްދުގައި ހަރަކާތްތެރިވާ ޖައޭޝް-އީ-މުހައްމަދް ޖަމާއަތުގެ ތަމްރީނުދޭ މަރުކަޒަކަށް އަމާޒުކޮށް ކަމަށް އިންޑިއާ ސިފައިން ވަނީ ބުނެފައެވެ.
މި ހަމަލާތަކުގައި އެ ޖަމާއަތުގެ 300 ހަނގުރާމަވެރިން މަރާލެވިފައިވާ ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓްރީ ވިޖޭ ގޮކާލް ވަނީ ވިދާޅުވެފައެވެ. އަދި މި ހަމަލާ ދިނީ ޖައޭޝް ޖަމާއަތުގެ ހަނގުރާމަވެރިން އިންޑިއާއަށް ހަމަލާދޭން ރާވަމުންދާ ކަމުގެ "ސައްހަ" މައުލޫމާތު ލިބިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ވާހަކަތައް ދޮގުކުރައްވަމުން ޕާކިސްތާނު އަސްކަރިއްޔާގެ ތަރުޖަމާނު މޭޖަރ ޖެނެރަލް އާސިފް ގަފޫރު ކުރެއްވި ޓްވީޓްއެއްގައި ވިދާޅުވީ އިންޑިއާގެ ބޮންތައް ވައްޓާލާފައި ވަނީ މީހުން ނޫޅޭ ސަރަހައްދަކަށް ކަމަށެވެ. އަދި އެ ހަމަލާތަކުގައި އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޕާކިސްތާނުން ވަނީ އެ ގައުމުގެ ވައިގެ ސިފައިންގެ ޖެޓުތައް އެ ސަރަހައްދަށް ފޮނުވާފައެވެ.
Payload of hastily escaping Indian aircrafts fell in open. pic.twitter.com/8drYtNGMsm
— Maj Gen Asif Ghafoor (@OfficialDGISPR) February 26, 2019
ޕާކިސްތާނާއި އިންޑިއާގެ ގުޅުން ގޯސްވީ އިންޑިއާގެ ބެލުމުގެ ދަށުގައި އޮތް ކަޝްމީރުގެ ޕުލްވަމާގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި އިންޑިއާ ޕެރަމިލިޓަރީ ސިފައިންގެ 42 މީހަކު މަރުވުމާ ގުޅިގެންނެވެ. އިންޑިއާއިން ވަނީ މި ހަމަލާ ދިން ޖައޭޝް ޖަމާއަތަށް ޕާކިސްތާނު ސަރުކާރުން ހިމާޔަތްދޭ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ޕާކިސްތާނުން މި ވާހަކަތައް ދޮގުކުރެއެވެ.