އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ބާއްވަން ހަމަޖެހިފައިވާ ސަމިޓަށް، އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވިއެޓްނާމަށް ވަޑައިގަންނަވައިފިއެވެ.
މި ހަފުތާގެ ފަހުކޮޅު ބާއްވަން ހަމަޖެހިފައިވާ ސަމިޓަށް، ރޭލުގައި 4000 ކިލޯމީޓަރުގެ ދިގު ރާސްތާގެ ދަތުރަކަށް ފަހު ކިމް ވަނީ ވިއެޓްނާމަށް ވަޑައިގެންފައެވެ. ދެ ދުވަހުގެ ދިގު ދަތުރަކަށް ފަހު ކިމް ވިއެޓްނާމަށް ވަޑައިގަތީ ޗައިނާ މަގުންނެވެ.
ކިމް އާއި ޓްރަމްޕްގެ ސަމިޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ސިންގަޕޫރުގައި ބޭއްވި ތާރީހީ ސަމިޓުގައި އެއްބަސްވެވުނު ކަންކަން ހާސިލްކުރާނެ ގޮތްތަކެއް ކަނޑައެޅުމަށް ކަމަށް ވައިޓް ހައުސް އިން ވަނީ ބުނެފައެވެ. ސިންގަޕޫރު ސަމިޓުގައި ދެ ލީޑަރުން ވަނީ އުތުރު ކޮރެއާ އަށް އަޅާފައި ހުރި ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ބަދަލެއްގެ ގޮތުގައި އެ ގައުމުގައި ހުރި ނިއުކްލިއަރ ހަތިޔާރުތައް ނައްތާލުމަށް އެއްބަސްވެފައެވެ.
މީގެ ކުރިން އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކައް ލުޔެއް ލިބޭނީ އުތުރު ކޮރެއާ އިން ހަތިޔާރުތައް އެއްކޮށް ނައްތާލުމުން ކަމަށް ބުނި ކަމުގައިވީ ނަމަވެސް އެ ގައުމުގެ ރައީސް ޓްރަމްޕް ވިދާޅުވީ މިހާރު ބޭނުން ވަނީ އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރުން ހުއްޓާލުން ކަމަށެވެ. ހަތިޔާރުތައް ޓެސްޓް ނުކުރާހާ ހިނދަކު އަވަސް ކޮށްލައިގެން ހައްލެއް ހޯދަން ބޭނުން ނުވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
މި ފަހަރުގެ ސަމިޓު ވިއެޓްނާމުގައި ބާއްވަން ނިންމީ، އެ ގައުމަކީ އެމެރިކާ އާއި އުތުރު ކޮރެއާއާ އެކު ހާރިޖީ ގުޅުން އޮތް މަދު ގައުމުތަކުގެ ތެރެއިން ގައުމަކަށް ވުމާ ގުޅިގެންނެވެ. ވިއެޓްނާމަކީ ވެސް އުތުރު ކޮރެއާ ފަދައިން ކޮމިއުނިސްޓް ވެރިކަމެއް އޮންނަ ގައުމެކެވެ. ނަމަވެސް އުތުރު ކޮރެއާއާ ޙިލާފަށް ފާއިތުވެ ދިޔަ އަހަރުތަކުގައި ވިއެޓްނާމްގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައެވެ.