އިންޑިއާގެ މަތިންދާ ބޯޓެއް އިންޑިއާއާއި ޕާކިސްތާނާ ގުޅޭ ސަރަހައްދުގެ ކަޝްމީރުގެ ކައިރިން ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
ޕާކިސްތާނުންވަނީ އެ ގައުމުގެ މަންސެރާ ޑިސްޓްރިކްޓަށް ވަތް ބޯޓްތަކުން ގޮވާތަކެތި އަޅާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެއްވެސް މީހަކަށް ހާނީއްކައެއް ނުވާކަމަށް ވަނީ ބުނެފައެވެ.
މި ބޯޓް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެފައިވަނީ އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށްވާއިރު އަނބުރާ ގޮސްފައިވަނީ ޕާކިސްތާނުގެ ހަނަގުރާމަމަތީ ޖެޓްތައް ނުކުމެ އެ ބޯޓް ހުއްޓުވަން އުޅުމުން ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާގެ ފަރާތުން މޭޖަރ ޖެނެރަލް އާސިފް ގަފޫރު ކުރައްވާފައިވާ ޓްވީޓެއްގައިވެެއެވެ.
އޭގެ ކުޑައިރުކޮޅެއްްފަހުން އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެގްރިކަލްޗަރ ގަޖެންދްރަ ސިންހު ޝެކްވަތު ވިދާޅުވެފައިވަނީ އިންޑިއާގެ ވައިގެ ސިފައިންގެ ޖެޓްތަކުން ޕާކިސްތާނުގެ ތެރޭގައި ހުރި ޓެރެރިސްޓް ކޭމްޕްތަކަށް އަންގާރަ ދުވަހު ހަމަލާތަކެއް ދީފައިވާ ކަމަށެވެ.
"ވައިގެ ސިފައިންވަނީ މިއަދު ހެނދުނު އެލްއޯސީ ހުރަސްކޮށް ޓެރެރިސްޓް ކޭމްޕްތަކަށް އަމާޒުކޮށް ވައިގެ މަގުން ހަމަލާ ދީފައި އަދި އެ މީހުން އެކީ ސުންނާފަތިކޮށްފައި" ޓްވިޓަރ ގައި ވިދާޅުވެފައިވެއެވެ.
ޕާކިސްތާނުގައި ގާއިމްވެފައިވާ ޖައޭޝް-އީ-މުހައްމަދު ޖަމާއަތުގެ މެމްބަރަކު ފެބްރުއަރީ 14 ވަނަ ދުވަހު އިންޑިއާ ސިފައިންގެ ގާފިލާއަކަށް ދިން ހަމަލާގައި އެ ގައުމުގެ ޕެރަމިލިޓަރީ ސިފައިންގެ 42 މީހަކު މަރުވިހާދިސާގެ ފަހަތުގައި ވަނީ ޕާކިސްތާނުކަމަށް ބުނެ އިންޑިއާއިންދަނީ ޕާކިސްތާނަށް އަސްކަރީ ހަމަލާއެއް ދީފާނެކަމުގެ އިންޒާރު ތަކުރާރުކޮށް ދެމުންނެވެ.
އެ ހަމަލާގައި ޕާކިސްތާނުގެ އަތެއް ނުވާނެ ކަަމަށް އެ ގައުމުން ބުނެއެވެ.