މަންޓާ އެއަރގެ ދަތުރުތައް ރަސްމީކޮށް މިއަދު ފަށާއިފައި ވާ ކަމަށް އެ އެއާލައިންގެ ޗީފް މާރކެޓިންގ އޮފިސަރ އަހުމަދު މަޢުމޫން ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މަޢުމޫން ވިދާޅުވީ، މަންޓާ އެއާ އިން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވާއިރު އެ އެއާލައިންގެ މަގްސަދަކީ ރާއްޖޭގެ ރައްޔިތުންނަށް ވީހާ ވެސް ފަސޭހަކަމާ އެކު އެއް މަޒިލުން އަނެއް މަންޒިލަށް ދަތުރު ކުރެވޭނެ މަގު ތަނަވަސްކޮށް ދިނުން ކަމަށެވެ.
ރަސްމީކޮށް މިއަދު ފެށި މަންޓާ އެއަރގެ ދަތުރުތައް ކުރުމަށް މިވަގުތު ހަމަޖެހިފައި ވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯރޓުން ދ. ކުޑަހުވަދޫ އެއާޕޯރޓަށް ކަމަށާއި ކޮންމެ ދުވަހަކު ވެސް މަންޓާ އެއާރގެ ހަތަރު ފްލައިޓް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކައިރި މުސްތަޤްބަލެއްގައި ދަރަވަންދޫ އަދި ތިމަރަފުށީ އެއާރޕޯރޓަށް މަންޓާގެ ދަތުރުތައް ފަށާނެ ކަމަށް ވެސް މައުމޫނު ވިދާޅުވިއެވެ.
" މަންޓާ އަކީ އެހެން އެއާލައިންތަކާ އަޅާބަލާއިރު ތަފާތު ކަންތަށްތަކެއް އެކުލެވިގެންވާ އެއާލައިނެއް. އަޅުގަނޑުމެންގެ ޚިދުމަތްތަށް އެކުލަވާލެވިގެން ވަނީ ޕަސެންޖަރުންނަށް ކަސްޓަމަރުންނަށް ފޯކަސް ކުރެވިގެން. އަޅުގަނޑުމެން ދެކެނީ ކޮންމެ ޕަސެންޖަރަކީވެސް ވީއައިޕީއެއްކަމަށް. ކޮންމެ ޕަސެންޖަރަކުވެސް ޓިކެޓް ގަންނަ ހިސާބުން ފެށިގެން މަންޒިލާއި ހަމައަށް ދެވެންދެން ޚާއްސަ ކަމެއް އެފަރާތްތަކަށް ދެން. މަންޓާ އެއާގެ ޓީމް އެކުލަވާލެވިފައި ވަނީ ކަސްޓަމަރުންނަށް އޮގާތެރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް،" މައުމޫނު ވިދާޅުވިއެވެ.
މަންޓާ އެއަރ އިން ބުނީ އެ އެއަރލައިނުގެ ކުރިއަށް އޮތް ހަ މަސްދުވަހުގެ ޝެޑިއުލް ވެބްސައިޓް މެދުވެރިކޮށް ފެންނާނޭ ކަމަށެވެ. އަދި މަންޓާ އެއަރގެ ވެބްސައިޓް މެދުވެރިކޮށް ރިޒަވޭޝަން ހެދޭނޭ ކަމަށް ވެސް އެ އެއަރލައިނުން ބުނެއެވެ.
މަންޓާ އެއަރއިން ބުދަ ދުވަހު ވަނީ ރާއްޖޭގައި އުދުހުމުގެ ހުއްދަ ހޯދުމުގެ މުޙިއްމު އެއް ބައި ކަމަށްވާ ޕްރޫވިންގ ދަތުރު ކޮށްފައެވެ.