އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ މަޖިލިސް މެމްބަރުންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފިއެވެ.
އެ ބޭފުޅުން ރައީސް ސޯލިހާ ބައްދަލު ކުރެއްވީ އާދީއްތަ ދުވަހު މެންދުރު ފަހު 2:30 ގައެވެ. ބައި ގަޑިއިރަށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމަށް ފަހު، ރައީސް އޮފީހުން ނުކުމެވަޑައިގެން، ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ސޯލިހާ މަޝްވަރާ ކުރެއްވީ ރައީސް ޔާމީން ހައްޔަރުކުރި މައްސަލާގައި ކަމަށެވެ.
އެ މައްސަލާގައި އެދިވަޑައިގެންނެވީ ކޮން ކަންތައްތަކަކަށްތޯ ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ ފަހުން އޭގެ ތަފްސީލު ދެއްވާނެ ކަމަށެވެ. އެބޭފުޅުން އެދިވަޑައިގެންނެވި ކަންތައްތަކަށް ރައީސް ވިދާޅުވީ ކީކޭތޯ ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ ބައްދަލު ކުރެއްވުމުގައި ބޭނުންވާ ވާހަކަތައް ހިއްސާ ކުރެއްވި ވަރަށް އަމާން މާހައުލެއްގައި ވާހަކަފުޅު ދައްކާލެވުނު ކަމާށެވެ.
ރައީސް ސޯލިހާ ބައްދަލު ކުރަން އިދިކޮޅު ފަރާތްތަކުން އެދުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.