އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 16 ފަރާތަކުން ކުރިމަތިލި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީ އަށް މައުލޫމަތު ދެއްވަމުން ހޫދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ނަންތައް މި ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ރައީސް ހުށަހަޅުއްވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ، މިހާރު އެ ކޮމިޝަންގައި ހުންނެވި މެމްބަރު އިސްމާއިލް ހަބީބްގެ މުއްދަތު ހަމަވާތީއެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ހަބީބް ވެސް ވަނީ އަލުން ކުރިމަތިލައްވާފައެވެ. އަދި ބައެއް ޤާނޫނީ ވަކީލުން ވެސް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް ކުރިމަތިލެއްވި ބޭފުޅުންގެ ތަފްސީލްތައް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
އީސީގެ މެމްބަރު ކަމުގެ ދައުރަކީ ފަސް އަހަރެވެ. ހަބީބުގެ ދައުރު ހަމަވާނީ، އަންނަ މަހެވެ.
މިނިވަން މުއައްސަސާއެއް ކަމަށްވާ އިލެކްޝަންސް ކޮމިޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރަން ޖެހޭނީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ކޮމިޝަނުގެ މަސައްކަތް ކުރެވޭ ވަރުގެ ތައުލީމާއި ގާބިލްކަން ހުރި މީހުންނެވެ. ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނޭ މީހަކަށް، ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމައްޗެއް ނުލެވޭނެއެވެ.