ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލާއި މެދު ގޮތެއް ކަނޑައަޅާނީ ހޯމަދުވަހު އޮންނަ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމަށް ފަހުގައި ކަމަށް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލަށް ވޯޓަށް އެހުމަށް ހޯމަދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ. ބިލަށް ވޯޓަށް އެހޭނީ ރައްޔިތުން އަމަލުކުރަން ލާޒިމުކުރާ ގާނޫނުތައް ފާސްކުރުމަށް ބޭނުންވާ އަދަދު ކަމަށްވާ 43 މެމްބަރުން ވޯޓަށް އަހާ ވަގުތު މަޖިލިސް ޗެމްބަރުގައި ހާޒިރުވެވަޑައިގެން ތިއްބެވިނަމައެވެ.
ރިޔާޒް ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހްގީގު ރިޕޯޓް އޭސީސީން އާންމު ކޮށްފައިވުމާއެކު، ރިޔާސީ ކޮމިޝަންތަކަށް ބާރުލިބިދޭ ބިލާއި މެދު މިހާރު މެމްބަރުން ޚިޔާލު ހުރި ގޮތެއް އަދި އެގިވަޑައިގެންފައިނުވާ ކަމަށެވެ.
ބިލާއި މެދު މެމްބަރުން މިހާރު ދެކިވަޑައިގަންނަވާ ގޮތް ހޯމަ ދުވަހު އޮންނަ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމަށް ފަހު އެނގިވަޑައިގަންނަވާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ. ރިޔާޒް ވިދާޅުވީ ހޯމަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިސް ޖަލްސާ ބޭއްވުމުގެ ކުރިން، ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް ބައްދަލުވުމެއް ބާއްވަން ނިންމައި، އެކަން ހުރިހާ މެމްބަރުންނަށް އަންގާފައިވާނެ ކަމަށެވެ.
ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް ބައްދަލުވުމަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ހުރިހާ މެމްބަރުންވެސް ދެއްވާފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ އެހެން މެމްބަރުން ނިންމަވާނެ ގޮތް މިވަގުތު ވިދާޅުވަން ދަތި ނަމަވެސް އޭނާގެ ވިސްނުން ހުރީ ކުރިން ވެސް މެމްބަރުން އެދިވަޑައިގެންފައިވާ ގޮތަށް ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ފާސްކުރައްވަން ކަމަށެވެ. އެގޮތުން ރައްޔިތުން އަމަލުކުރަންޖެހޭ ގާނޫނެއް ފާސްކުރަން ބޭނުންވާ ގާނޫނީ އަދަދު ކަމަށްވާ 43 މެމްބަރުން ހޯމަދުވަހުގެ ޖަލްސާއަށް ހާޒިރު ކުރުމަށް އޭނާ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
ބިލް ފާސްކުރުމާއި މެދު މެމްބަރުންގެ ޚިޔާލު މިހާރު ހުރި ގޮތް އެނގިވަޑައިގެންފައިނުވާ ކަމަށް ރިޔާޒް ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ގުޅިގެން ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޖޭޕީ އާއި، އެމްޑީޕީ އާއި ދެމެދު ވަނީ މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ދާއިރާތަކާމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. އަދި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ސަރުކާރު ހިމެނޭ ކޯލިޝަނުން ވަކިވެވަޑައިގެން ޕްރޮގްރެސިވް ކޯލިޝަނާ ގުޅިވަޑައިގަތުމަށް ގޮވާލާފައެވެ.
ރިޔާސީ ކޮމިޝަންތަކަށް ބާރުދިނުމާބެހޭ ބިލް ފާސްކުރުމަށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން މީގެކުރިން މަސައްކަތް ކޮށްފައިވާއިރު، މެމްބަރުންގެ ފަރާތުން އެކަމަށް އެކަށީގެންވާ އެއްބާރުލުމެއް ލިބިފައެއް ނުވެއެވެ.