މަނީ ލޯންޑަރިންގގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޖަލު ބަންދެއްގައި ހުންނެވުމަކީ އިންތިހާބު ފަސްކުރަންޖެހޭ ސަބަބެއް ނޫން ކަމަށް ބުނެ އެމްޑީޕީން ރައްދު ދީފިއެވެ.
އާދިއްތަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، އެމްޑީޕީން އަބަދުވެސް ގެންގުޅޭ ސިޔާސަތަކީ އިންތިހާބުތަކުގައި ވާދަކޮށް ކާމިޔާބު ހޯދަން މަސައްކަތް ކުރުން ކަމަށާއި، އިންތިހާބު ފަސްކުރަން ޕީޕީއެމް އިން މަސައްކަތް ކުރަނީ އިންތިހާބު ކާމިޔާބުވުމުގެ ވިސްނުމެއް ނުގެންގުޅޭތީ ކަމަށެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު އެދުމަކީ އިލެކްޝަންސް ކޮމިޝަނުގައި ވެސް އަދި އެހެން ޕާޓީތަކުގައި ވެސް އިންތިހާބު ހަމަ އޮތް ގޮތަށް ޓައިމްލައިނާ އެއްގޮތަށް ކުރިއަށް ގެންދަވާ، ވޯޓުލުން ކުރިއަށްގެންދަވާ ވީހާ ވެސް އަމާން ސުލްހަވެރިކޮށް މި އިންތިހާބުގެ ކަންތައްތައް ކޮށް ނިންމަވައިދެއްވުން. އަޅުގަނޑުމެންނަށް އަބަދު ވެސް މި ފެންނަނީ، މީގެ ކުރިން ވެސް ފެނިފަ އޮތީ ޕީޕީއެމްއިން މިކަހަލަ އުޒުރު ދައްކަވާ އިންތިހާބު ލަސްކުރައްވާ، އެކި ކަހަލަ ގަޑުބަޑު ހިންގަވަން އުޅުއްވާފަ އޮތް މަންޒަރު. ވޯޓަށް މަކަރުހަދާ އޮޅުވާލުމާ މި ކަންތައްތައް ކުރުމުގެ ފުރުސަތު ދިނުމަށް ވޯޓު ލަސްކުރުމަކީ އެއްގޮތަކަށް ވެސް އެމްޑީޕީން އެއްބާރުލުން ދޭނެ ކަމެއް ނޫން. އަދި އެއްބަސްވާނެ ކަމެއް ވެސް ނޫން،" އަފްޝަން ވިދާޅުވިއެވެ.
އިންތިހާބު ބޭއްވޭ މާހައުލެއް ނެތް ކަމަށް ބުނެ އިލެކްޝަނަށް ހުށައެޅި ސިޓީގައި ފާހަގަކޮށްފައިވާ އެއް ސަބަބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމިން ހައްޔަރުކޮށްފައި ހުރުން ކަމަށާއި، އަނެއް ސަބަބަކީ ޕީޕީއެމްގެ ނައިބު ރައީސާއި މިހާރު ޖިނާއީ ދެ ދައުވާއެއް ރައްދުވާ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމާއި ބައެއް އެހެން މީހުންގެ ޕާސްޕޯޓް ހިފަހައްޓަން އުޅޭ ކަމުގެ އަޑުއެތައް ފެތުރިފައިވުން ކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެފައިވެއެވެ.
އެކަމާ ގުޅޭ ގޮތުން އަފްޝަން ވިދާޅުވީ، ރައީސް ޔާމީނު ހައްޔަރުކޮށްފައި ހުރުން އެއީ އިންތިހާބު ފަސްކުރަންޖެހޭ ސަބަބެއް ކަމަށް ވިދާޅުވާއިރު، ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ގިނަ ފަރާތްތަކެއް ތިބީ ހައްޔަރުކޮށްފައި ކަމަށާއި، އެތައް ބައެއްގެ ޕާސްޕޯރޓު އޮތީ ހިިފަހައްޓާފައި ކަމަށެވެ.
"މަޖިލިސް އިންތިހާބަށް ވުރެ އަދި މާ ބޮޑު އިންތިހާބެއް އަޅުގަނޑުމެން މި ނިންމާލި ރިޔާސީ އިންތިހާބަކީ، ނިންމާލިއިރު އިނދިކޮޅު ޕާޓީތަކުގެ ހުރިހާ ލީޑަރުންހެން ތިއްބެވީ ބަންދުގައި. އަޅުގަނޑުމެންގެ ލީޑަރުންނާއި، ލީޑަރޝިޕްގެ ބޭފުޅުންގެ އިތުރުން ވަރަށް ގިނަ އާންމު މެމްބަރުންނެއް ތިބީ ޖަލުގައި. އަދި އެތައް ބައެއްގެ ޕާސްޕޯރޓް އޮތީ ހިފަހައްޓާފައި. އެކަމަކު ވެސް އަޅުގަނޑުމެން މެނިފެސްޓޯއަކާ ސިޔާސަތުތަކާ ހިފައިގެން ދޮރުން ދޮރަށް ހިނގައި އަޅުގަނޑުމެންގެ ސިޔާސަތުތައް އާންމުކޮށް، އާންމުންނާ ބައްދަލުކޮށް މި އިންތިހާބު ވަނީ އިރާދުކުރެއްވިއްޔާ ކާމިޔާބުކޮށްފައި،" އަފްޝަން ވިދާޅުވިއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބު ބޭއްވިއިރު، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމާއި، ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަބްދުﷲ ހުންނެވީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ކުރެއްވި ޖަލު ހުކުމެއްގައެވެ.