ސައުދީ އަރަބިއްޔާގައި ފުރަތަމަ ފަހަރަށް އަންހެން ސަފީރަކު އައްޔަން ކޮށްފިއެވެ.
ސައުދީއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރަކަށް އައްޔަން ކުރައްވާފައި ވަނީ ޕްރިންސަސް ރީމާ ބިންތި ބަންދަރު އަލް ސައުދެވެ. އެމަގާމަށް އެކަމަނާ އައްޔަން ކުރެއްވީ ސައުދީ ރަސްގެފާނުގެ ގަރާރަކުންނެވެ.
ޕްރިންސަސް ރީމާގެ ތުއްޕުޅުއިރު ހޭދަ ކުރެއްވީ ވެސް އެމެރިކާގެ ވޮޝިންޓަން ޑީސީގައެވެ. އެކަމަނާގެ ބައްޕާފުޅު ބަންޑަރު ބިން ސަލްމާން އަލް ސައުދު ވަނީ 1983 އިން ފެށިގެން 2005 އާއި ހަމައަށް އެމެރިކާގައި ހުންނަ ސައުދީ ސަފީރުކަމުގެ މަގާމު އަދާކުރައްވައިފަ އެވެ.
ރީމާ ސައުދީގެ ފުރަތަމަ އަންހެން ސަފީރަކަށްވެ ވަޑައިގަންނަވާފައިވާއިރު މިދިޔަ އޮކްޓޯބަރ މަހުގެ ތެރޭގައި މަރާލާފައިވާ އެގައުމުގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގޭ މައްސަލާގައި ސައުދީގެ ސަރުކާރަށް ދުނިޔޭގެ އެކި ގައުމުތަކުން ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން ޖަމާލް ޚަޝޯގީ މަރާލާފައި ވަނީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިސްވެހުންނަވައިގެން ކަމަށް ތުރުކީއާއި އެހެނިހެން ގައުމުތަކުން ތުހުމަތު ކުރެއެވެ.
ރީމާ ވަނީ އެމެރިކާގެ ޖޯޖް ވޮޝިންޓަން ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޑިގްރީ އިން މިއުޒިއަމް ސްޓަޑީސް ހައްދަވާފައެވެ. ބައްޕާފުޅު އެމެރިކާގެ ސަފީރުކަމުން ވަކިވެވަޑައިގަތުމުން 2005 ވަނަ އަހަރުން ފެށިގެން ސައުދީގެ ރިޔާދަށް ދިރިއުޅުއްވުން ބަދަލުކުރެއްވި ރީމާ ވަނީ އެގައުމުގައި ކުންފުނިތަކުގައި އިސް މަގާމް ތަކެއް އަދާކުރައްވާފައެވެ. އަދި އަންހެނުންގެ ހައްގުތައް ކުރިއެރުވުމަށް ވެސް ވަނީ މަސައްކަތް ކުރައްވާފައެވެ. ސަފީރުކަމަށް ވަޑައިގަތުމުގެ ކުރިން އެކަމަނާ މަސައްކަތް ކުރެއްވީ ސައުދީގެ ޖެނެރަލް ސްޕޯޓްސް އޮތޯރިޓީގައި ކުޅިވަރަށް އަންހެނުން އަހުލުވެރިކުރުވުމަށް މަސައްކަތް ކުރެއްވުމުގައެވެ.
ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ވިޝަން 2030 ގެ ދަށުން ސައުދީއަށް ދަނީ ބޮޑެތި ބަދަލުތައް ގެންދަވަމުންނެވެ. އެގޮތުން އާންމުކޮށް ފިލްމު ދެއްކުން ގާތްގަނޑަކަށް30 އަހަރަށް ވުރެ ދިގު މުއްދަތަކަށް އޮތް އޮތުން ނިމުމަކަށް ގެނެސްފައިވަނީ ވެސް ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ވިޝަން 2030 ގެ ދަށުންނެވެ.