މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ އޮފީހުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެމްޓީސީސީ ޓަވަރުގައި ހުންނަ އެމްޓީސީސީ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް އާދިއްތަ ދުވަހުގެ ހެނދުނު 08:18 ހާއިރު ފުލުހުންނަށް ރިޕޯރޓުކޮށްފައިވާ ކަމަށެވެ.
ވަގަށް ނަގާފައިވާ ފައިސާގެ އަދަދާއި އިތުރު ތަފްސީލުތައް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ އިތުރު ތަފްސީލްތައް ލިބުމާއެކު ހާމަކުރާނެކަމަށެވެ.
އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތުދެއްވަމުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ، ގާތްގަނޑަކަށް 80،000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި، ލެޕްޓޮޮޕެއްވެސް ވަގަށް ނަގާފައިވާ ކަމަށެވެ.
އެ ހާދިސާގެ ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި އެކަން ކޮށްފައިވަނީ އަންގި ލައްވައި، މޫނު ފޮރުވައިގެން ތިބި ބައެއް ކަމަށް ޝާހު ވިދާޅުވިއެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަޙުޤީޤު ކުރަމުންނެވެ.