ޕާކިސްތާނުން އިންޑިއާގެ ސިފައިންނަށް ދިން ހަމަލާއަށް ފަހު ދެ ގައުމު ދެމެދު މިހާރު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއް ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވިއްޖެއެވެ.
އިންޑިއާއި ޕާކިސްތާނުގެ ގުޅުން ގޯސްވެގެން މިއުޅެނީ، މި މަހުގެ 14 ވަނަ ދުވަހު އިންޑިއާގެ ކަޝްމީރުގައި ހަރަކާތްތެރިވަމުން ދިޔަ އިންޑިއާގެ ޕެރެމިލިޓަރީ ސިފައިންނަށް އަމާޒުކޮށް ޕާކިސްތާނުގެ ޖައޭޝް-އީ މުހައްމަދު ކިޔާ ޖަމާއަތަކުން ދިން ހަމަލާއި ގުޅިގެންނެވެ. އެ ހަމަލާގައި އިންޑިއާގެ ސެންޓްރަލް ރިޒާވް ފޯސްގެ 40 ސިފައިން ވަނީ މަރާލާފައެވެ.
އެކަމާއި ގުޅޭ ގޮތުން ހޮނިހިރު ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އިންޑިއާއި ޕާކިސްތާނުގެ ގުޅުން އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށާއި، އެ ހަމަލާގައި ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު މަރުވުމަކީ އިންޑިއާއިން ކަންބޮޑުވާ ކަމެއްގެ ކަމަށެވެ. އަދި އެމެރިކާއިން ދެކެން ބޭނުންވަނީ އެ ފަދަ ކަންތައް ހުއްޓުމަށް އައުން ކަމަށްވެސް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާއިން އެ މައްސަލަ ވަރަށް ގާތުން ބަލައި ދެ ގައުމުގެ އިސްފަރާތްތަކާއި އެކު ވާހަކަ ދައްކަމުންދާ ކަމަށްވެސް އޯވަލް އޮފީހުގައި ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވިއެވެ.
''އަހަރުމެން ޕާކިސްތާނަށް ދައްކަމުން އައި 1.3 ބިލިއަން ޑޮލަރު ދިނުން ހުއްޓަލައިފިން. ވަރަށް އަވަހަށް ޕާކިސްތާނާއެކު އެއް މޭޒު ދޮށަށް ދާނަން. މީގެ ކުރިން އެހެން ވެރިކަމުގައި ޕާކިސްތާނުން އައީ ވަރަށް ބޮޑެތި ފާއިދާ ތަކެއް ހޯދަމުން'' ޓްރަމްޕް ވިދާޅުވިއެވެ.
ޕާކިސްތާން ބައިނަލްއަގްވާމީ ގޮތުން އެއްކޮށް އެކަހެރި ކޮށްލާނެކަމުގެ އިންޒާރު އިންޑިއާއިން ވަނީ ދީފައެވެ. އެހެން ނަމަވެސް ޕާކިސްތާނުން އެކަމަށް އެހާ ބޮޑު ސަމާލުކަމެއް ދީފައިއެއް ނުވެއެވެ. އެކަމަކު އިންޑިއާއިން ހަމަލާއެއް ދީފިނަމަ އެއަށް ރައްދު ދިނުމުގެ ބާރު ޕާކިސްތާނުގައި އެބަހުރި ކަމަށް އެ ގައުމުގެ ސިފައިން ވަނީ ބުނެފައެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން މީގެ ކުރިން އެންމެ ބޮޑަށް ގޯސްވެފައިވަނީ 2016 ވަނަ އަހަރު ކަޝްމީރުގެ އުރީ އަވަށަށް ދިން ހަމަލާއި ގުޅިގެންނެވެ. އެ ހަމާލާގައި އިންޑިއާގެ 19 ސިފައިން ވަނީ މަރާލާފައެވެ.