ކ. މާފުށީގައި ތުރުކީ މީހަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ މާފުށީގައި ގެނބިގެން މަރުވީ ކ. އަތޮޅުގައި ތަރައްގީ ކުރާ ރިސޯޓެއްގައި މަސައްކަތް ކުރާ އުމުރުން 40 އަހަރުގެ ތުރުކީ މީހެއް ކަމަށެވެ. އޭނާގެ ހަށިގަނޑު މާފުށީ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އިތާފުށި އިންވެސްޓްމަންޓުން ކ. އަތޮޅުގައި ތަރައްގީ ކުރާ ރިސޯޓެއްގައި މަސައްކަތް ކުރާ އެ މީހާގެ އެކޮމަޑޭޝަން ހުންނަނީ މާފުށީގައެވެ.
މި އަހަރުގެ ތެރޭގައި މިހާތަނަށް ހަތް ފަތުރުވެރިއަކު ގެނބިގެން މަރުވެފައި ވެއެވެ.
ޓޫރިސްޓުން ގެނބިގެން މަރުވާ މައްސަލަ ބޮޑުވެފައި ވާތީ، ޓޫރިސްޓުން މޫދަށް އެރޭ ސަރަހައްދުތަކާއި ރިސޯޓްތައް މޮނީޓާކޮށް ސަލާމަތީ ކަންކަން އިސްލާހު ކުރުމަށް ސިފައިންނާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ކައުންސިލްތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.