ޕާކިސްތާނުގެ ނޭވީ މަނަވަރަކަށް، ޑިޕްލޮމެޓިކް ކްލިއަރެންސް، ނުދިން ކަމަށް ބުނެ މިޑިއާތަކުގައި ފެތުރުމެ ންދަނީ ދޮގު ޚަބަރުތަކެއް ކަމަށް ޕާކިސްތާނު އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، އަދި ހެޑް އޮފް ޗާންސެރީ، ޒުލްގުރްނައިން އަހުމަދު ވިދާޅުވެއްޖެއެވެ.
ޒުލްގުރްނައިން ވިދާޅުވީ ޕާކިސްތާނު ނޭވީ މަނަވަރެއް ހޮނިހިރު ދުވަހު ރާއްޖެ އަންނަ އުޅެ، އިންޑިޔާއިން ރާއްޖެއަށް ނުފޫޒު ފޯރުވައިގެން އެކަން ހުއްޓުވާފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ފެތުރެމުންދަނީ ދޮގު ހަބަރުތަކެއް ކަމަށެވެ. ޕާކިސްތާނުގެ ނޭވީ މަނަވަރު ރާއްޖެ އަންނަން ކަނޑައަޅާފައި ވަނީ މި އަންނަ މަހުގައި ކަމަށާއި، ޕްލޭންގައިވާ ގޮތަށް އަންނަ މަހު މަނަވަރު ރާއްޖެ އަންނާނެ ކަމަށް ޒުލްގުރްނައިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަނަަވަރު ރާއްޖެ އަންނާނެ ތާރީޚެއް ކަނޑައެޅި އެދުވަސް ކާރިވުމުން، އެކަމަށް ރާއްޖެއިން ހުއްދައަށް އެދެންޖެހޭ ފަރާތްތަކުން ހުއްދައަށް އެދޭނެ ކަމަށެވެ. ޕާކިސްތާނާއި ރާއްޖެ އާއި ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި، އެ ގުޅުން ހީނަރުކުރުމަށް ބަޔަކު ދޮގު ޚަބަރުތަކެއް ފަތުރަމުންދާތީ، އެކަމާ ހިތާމަކުރައްވާ ކަމަށް ޒުލްގުރްނައިން ވިދާޅުވިއެވެ.
މީސްމީޑިއާގެ ދައުރުވަމުންދާ މެސެޖެއްގައި ބުނެފައި ވަނީ، މިއަދު ރާއްޖެއަށް ދަތުރުކުރަން ހަމަޖައްސާފައިވާ ޕާކިސްތާނުގެ ނޭވީ މަނަވަރަކަށް، ރާއްޖޭގެ ސަރަހައްދަށް ވަނުމަށް ބޭނުންވާ ޑިޕްލޮމެޓިކް ކްލިއަރެންސް، އިންޑިއާ އިން ރާއްޖެއަށް އަންގައިގެން ހުއްޓުވާފައިވާ ކަމަށެވެ.
އިންޑިޔާ އާއި ޕާކިސްތާނުގެ ގުޅުން މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް ހީނަރު ވެގެން ގޮސްފައެވެ. އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ހީނަރުވެފައި ވަނީ ޕާކިސްތާނުން ދިން ބޮމުގެ ހަމަލާއެއްގައި އިންޑިއާގެ ޕެރަމިލިޓަރީ ފުލުހުންގެ 42 މީހަކު މަރާލުމާ ގުޅިގެންނެވެ.
ނަމަވެސް ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަނީ ރައީސް ސޯލިހުގެ ސަރުކާރުގައި ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފައެވެ.