އެމްޑީޕީއާ އެކު އަދިވެސް މަޝްވަރާ ކުރާ ކަމަށާއި އެންމެ ފަހު ދުވަހާ ހަމަޔަށް ވެސް މަސަތްކަތް ކުރާނީ އެކުގައި ތިބެ މަސަތްކަތުގައި ދެމި ތިބުމަށް ކަމަށް އަދާލަތު ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ މެންދުރު އަދާލަތު ޕާޓީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފު ވިދާޅުވީ ކޯލިޝަންގެ ހަތަރު ޕާޓީގެ ހިޔާލު ތަފާތުވުން ހުންނަ ކަމަށާއި ރިޔާސީ އިންތިހާބުގައި ގާއިމް ކޮށްފައި ހުރި ގުޅުމުގައި ވަކި ކެންޑިޑޭޓުން ނެރުނަސް ކެމްޕެއިން ކުރާނީ ސުލްހަވެރިކަމާ އެކު އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓުންނަށް އިހްތިރާމާއި ގަދަރުކޮށްގެން ކަމަށެވެ.
މީގެ އިތުރުން އަދިވެސް ހުރިހާ ޕާޓީއަކުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެއްބާރުލުން ދޭ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އަދާލަތު ޕާޓީން 19 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަކުރާ ނުވަ ދާއިރާއާ ކެންޑިޑޭޓުންގެ ނަންތައް އިއުލާންކޮށްފައިއެވެ. އަދާލަތު ޕާޓީން ކުރިމަތިލާ ދާއިރާތައް:
1. ކެލާ ދާއިރާ - ތޫބާ ރަޝީދު
2. ވައިކަރަދޫ ދާއިރާ – ހުސައިން ސަގީފް
3. މަކުނުދޫ ދާއިރާ – އަނާރާ ނައީމް
4. އިނގުރައިދޫ ދާއިރާ – އަހުމަދު ހުސައިން
5. ކާށިދޫ ދާއިރާ – އަހުމަދު އަދީލް
6. މަހިބަދޫ ދާއިރާ – އަލީ އާޒިމް
7. މުލަކު ދާއިރާ- އައިޝަތު ރިޔާސާ
8. ނިލަންދޫ ދާއިރާ – މުއްސަބް މުހައްމަދު
9. ގައްދޫ ދާއިރާ – އިބްރާހިމް ޒާހިރު
އަދާލަތު ޕާޓީން އިތުރަށް ބުނެފައި ވަނީ މި ހުރިހާ ކެންޑީޑޭޓުންގެ ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެފައިވާ ކަމަށާއި ކެމްޕެއިން ވެސް ފަށާފައިވާ ކަމަށެވެ. އެގޮތުން 19 ވަނަ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ކެމްޕެއިން ޝިއާރަކީ ސަތިރީސް ( 36 ) ކަމަށާއި، އެ ޝިއާރުން އަދާލަތުގެ މެނިފެސްޓޯ ރަމްޒުކޮށްދޭ ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.