ޖޭމްސް ބޮންޑް ސީރީޒްގައި ކުރިއަށް ދެން އޮތް ފިލްމުގެ ވަރކިންގ ޓައިޓަލް ނުވަތަ ވަގުތީ ނަމަކަށް 'ޝެޓަރހޭންޑް' ކިޔަން ނިންމާފައިވާކަމަށް ޕްރޮޑަކްޝަން ވީކްލީއިން ބުނެފިއެވެ.
މިޙާރު ކުރިއަށްދާ، އަދި ކުރިއަށް ރޭވިފައިވާ ފިލްމު ޝޫޓިންގތައް ލިސްޓުކުރާ ޕްރޮޑަކްޝަން ވީކްލީ މެގަޒިންގެ އެންމެ ފަހުގެ އަދަދުގައި "ބޮންޑް 25 ވަރކިންގ ޓައިޓަލް ޝެޓަރހޭންޑް' ގެ ނަމުގައި ފިލްމު ޝޫޓިންގއެއް ވަނީ ލިސްޓުކޮށްފައެވެ.
އެ މެގަޒިންގައިވާގޮތުން ކުރިއަށް އޮތް ބޮންޑް ފިލްމްގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ޕައިންވުޑް ސްޓޫޑިއޯޒްގައި ކަމަށެވެ. ބެލެވޭ ގޮތުގައި ދެން ނެރޭ ބޮންޑް ފިލްމު ވެގެންދާނީ ޖޭމްސް ބޮންޑްގެ ރޯލުން ޑެނިއަލް ކްރެއިގް ފެންނަ ފަހު ފިލްމަށެވެ.
މި ފިލްމު ޑައިރެކްތް ކުރުމަށް ކުރިން ހަމަޖެހިފައިވާ ޑެނީ ބޮއިލް މި ޕްރޮޖެކްޓް ދޫކޮށްލުމާއި ގުޅިގެން، މި ފިލްމު ނެރުމަށް ކުރިން ކޮށްފައި އޮތް ޝެޑިއުލް ނިމިގެންދިޔަ އަހަރު ވަނީ ފަސްކުރަން ޖެހިފައެވެ. އެގޮތުން މި އަހަރުގެ އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހު ރިލީޒް ކުރުމަށް ކުރިން ނިންމާފައިވާ މި ފިލްމު ރިލީޒް ކުރުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 8 ވަނަ ދުވަހުއެވެ.
ޑެނީ ބޮއިލް މި ޕްރޮޖެކްޓް ދޫކޮށްލުމާއި ގުޅިގެން ބޮންޑް ސީރީޒްގެ ކުރިއަށް އޮތް ފިލްމު ޑައިރެކްޓްކުރުމަށް މިހާރު ހަމަޖެހިފައިވަނީ ޓްރޫ ޑިޓެކްޓިވްގެ ޑައިރެކްޓަރ ކެރީ ފުކުނާގާއެވެ. ބޮންޑް ސީރީޒްގެ ކުރިއަށް އޮތް ފިލްމަށް ޝެޓަރހޭންޑްގެ ނަން ދިނުމަށް ހަމަޖެހިފައިވާކަމަށް މީގެ ކުރިންވެސް ވަނީ ވާހަކަ ދެކެވިފައެވެ.
ޝެޓަރހޭންޑްއަކީ 1964 ވަނަ އަހަރު އިއާން ފްލެމިންގ ލިޔެފައިވާ ޔޫ އޮންލީ ލިވް ޓުވައިޒް ސުޕަރވިލަންއެއްގެ ގޮތުގައި ގެނެސްދީފައިވާ އަންސްޓް ބްލޯފެލްޑަށް ކިޔާ ނަމެކެވެ.
އެންމެ ފަހުން ނެރުނު ބޮންޑް ފިލްމު، ސްޕެކްޓަރގައި ބްލޯފެލްޑްގެ ކެރެކްޓަރއިން ކްރިސްޓޯފް ވޯލްޓްޒް ފެނިގެން ގޮސްފައިވާއިރު، ޝްޓަރހޭންޑްއިންވެސް ކްރިސްޓޯފް ފެނިގެން ހިނގައިދާނެ ކަމުގެ އިޝާރާތެއް ޑައިރެކްޓަރ ފުކުނާގާ ވަނީ ކޮށްފައެވެ.