ހދ. ނޮޅިވަރަމުން ބަންޑާރަ ގޯތި ދޫކުރަން ހުއްދަ ދިނީ އެކަށީގެންވާ އަދަދަށް ނޫން ކަމަށް ބުނެ އެރަށުގެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެރަށުގެ ކައުންސިލަރު އިބްރާހިމް ނަސީރު ވިދާޅުވީ ބަންޑާރަ ގޯތި ދޫކުރުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާ ހުއްދަ ދީފައިވަނީ އެރަށުގެ އިރުމަތިކޮޅުން، 3000 އަކަފޫޓްގެ 75 ގޯތި ކަމަށެވެ.
ނަސީރު ވިދާޅުވީ 9 އަހަރު ފަހުން އެރަށުގައި ގޯތި ދޫކުރާއިރު، 400 އަށްވުރެ ގިނަ މީހުން ގެދޮރު ބޭނުންވާ ކަމަށާއި، 75 ގޯތި ދޭން ނިންމުމުން ރައްޔިތުން ރުޅިގަދަވެ، ކަންބޮޑުވުންފާޅުކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ މަދުވެގެން 150 ގޯތި ދޫކުރުމަށް ކައުންސިލުން ވެސް ބޭނުންވާ ކަމަށެވެ.
"ވަރަށް ގިނަ މީހުން ނޮޅިވަރަމްއިން ގޯތި ބޭނުންވާނެ. 400އެއްހާ މީހުން ހަމަގައިމު ވެސް ގޯތިލިބުމުގެ ޝަރުތު ހަމަވޭ. އެކަމަކު ހުއްދަދިނީ 75 ގޯތި ދޫކުރަން. މީ ވަރަށް ކަންބޮޑުވާ މައްސަލައެއް. ރަށު ބައެއް މީހުން ބުނޭ 75 ގޯތި ދޫވެސް ކުރާނެ ކަމެއްނެތޭ. އެކަމާއި އަޅުގަނޑު ކަންބޮޑުވެ ސަރުކާރުން މިނޫން ގޮތެއް ހަދައިދެއްވުމަށް ގޮވާލަން." ނަސީރު ވިދާޅުވިއެވެ.
ނަސީރު ވިދާޅުވީ އެރަށުގައި ބިން އެބައޮތް ކަމަށާއި، އެކިގޮތްގޮތުން ހުއްދަ ދިނުމަށް އެދުމުން ވެސް ޕްލޭނިންގ މިނިސްޓްރީން އެކަމަށް އިޖާބަދީފައި ނުވާ ކަމަށެވެ.
3000 ރައްޔިތުންނަށް ބޮޑު އާދާބީއެއް އޮންނަ ނޮޅިވަރަމްއިން ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އަދި މާޗްމަހުގެ 07 ވަނަ ދުވަހާއި ހަމައަށް ގޯއްޗަށް އެދި ފޯމް ހުށަހެޅޭނެ ކަމަށެވެ.