ހއ.ހޯރަފުށީގައި ބާއްވާ ޔޫތް ލީޑަރސް ނެޓްވޯކްގެ މި ދައުރުގެ ފުރަތަމަ މަސައްކަތު ބައްދަލުވުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބުދުﷲ މިއަދު އިފްޠިތާހުކޮށް ދެއްވައިފިއެވެ.
ހއ.އަތޮޅުގެ ރަށްތަކުން ޒުވާނުން ބައިވެރިވާ މި މަސައްކަތުގައި ބައްދަލުވުން ކުރިއަށް ގެންދަނީ ޒުވާނުންނާއި މީޑިޔާ، މިޝިއާރުގެ ދަށުންނެވެ.
ދެ ދުވަހުގެ މުއްދަތަށް ހޯރަފުށީގައި ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމުގައި މީޑިޔާގެ ދާއިރާއާއި، ދީނީ އިލްމާއި، ތާރީޚާއި، ސަޤާފަތް ހިމެނޭ ގޮތަށް މައިގަނޑު ހަތް ސެޝަނެއް ވަނީ ހިމަނާފައެވެ. އެ ދާއިރާތަކުން ޒުވާނުންނަށް މައުލޫމާތު ދިނުމަށް ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅުން ބައިވެރިވެލައްވާނެއެވެ.
ހޯމް މިނިސްޓްރީން ބުނީ މި މަސައްކަތު ބައްދަލުވުމުގައި ހިމެނޭ ބައިތަކުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްތަކުގެ މައުލޫމާތު ދިނުމާއި، ޒުވާނުންގެ މެދުގައި ދީނީ އަޤީދާ ހަރުދަނާ ކުރުމަށް މައުލޫމާތު ދިނުމާއި، ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރުމާއި، ދިވެހި ސަޤާފަތާއި އާދަކާދަތައް ގެންލިގެން ނުދާނެ ގޮތް ހޯދުން ފަދަ ބައިތައް ހިމެނޭ ކަމަށެވެ.
މި ޕްރޮގްރާމްގެ ބޭނުމަކީ ހަރުދަނާ ޒުވާނުން ބިނާކުރުމަށް އެހީތެރިވެދިނުން ކަމަށާއި، ޒުވާނުންނަކީ އެއްބައިވަންތަ، މައުލޫމާތު މުއްސަނދި، ދިވެހި ތާރީޚާއި، ސަޤާފަތަށް ޝައުޤުވެރި ބަޔަކަށް ހެދުން ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.
މިމަސައްކަތު ބައްދަލުވުމުގައި ހއ. ގެ ހަތް ރަށަކުން 80 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވެ އެވެ.