ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ބުދަ ދުވަހު އައިޖީއެމްއެޗްގައި އެޑްމިޓް ކުރުމަށް ފަހު ބުރާސްފަތި ދުވަހު އަނބުރާ މާފުށީ ޖަލަށް ބަދަލު ކޮށްފި އެވެ.
ރައީސް ޔާމީން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި ވަނީ 24 ގަޑިއިރަށް ކަމަށާއި އެމަނިކުފާނަށް ފަރުވާ ދެމުން ގެންދަނީ ހިތުގެ ޑިޕާޓްމަންޓުން ކަމަށް އެ ހޮސްޕިޓަލުން ކުރިން ވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން، މިދިޔަ ހޯމަ ދުވަހު ޔާމީން ހައްޔަރު ކުރީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެކަށެވެ. ހޯމަ ދުވަހު ކްރިމިނަލް ކޯޓަށް ޔާމީން ހާޒިރުކުރުމަށް ފަހު، ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި އެމަނިކުފާނު ވަނީ ބުރަކަށީގައި ރިއްސާ ކަމަށާއި ގަވައިދުން އެކަމަށް ފަރުވާ ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް ވަނީ އެކަމަށް ރިޔާއަތް ކުރެއްވުމެއް ނެތި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.