ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކުރަން ހައިކޯޓަށް ހުށައެޅި އިސްތިއުނާފުގެ މައްސަލަ ބަލައިގެންފި އެވެ.
ކަޅު ފައިސާ ދޮވުމުގެ ކުށުގައި ޔާމިންގެ މައްޗަށް އުފުލި ދައުވާއާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ޝަރީއަތްކުރުމުގެ އަމުރަކަށް ކޯޓުގައި އެދުނީ ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުންނެވެ. އަދި ދައުލަތުގެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާއަތްކުރައްވައި، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ނެރުއްވީ މިދިޔަ ހޯމަ ދުވަހުއެވެ.
ޔާމިން ބަންދުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓުގައި ބޭއްވި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަ އަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. އަދި ޕީޖީ އޮފީހުން ވަނީ ޔާމީން ބަންދު ކުރަން ޖެހޭ ސަބަބުތައް ހާމަކޮށް ލިޔުމެއް ވެސް ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ. ދައުލަތުގެ ވަކީލާ ވިދާޅުވީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ޔާމީން ވަނީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ހެކިންނަށް ގިނަ އަދަދެއްގެ ފައިސާ ހުށަހަޅާފައިވާ ކަމަށެވެ.
ރައީސް އަބްދުﷲޔާމީން ޢަބްދުލްޤައްޔޫމް ޝަރިއަތް ނިމެންދެން ބަންދުކުރުމަށް ކުރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފް ކުރުމަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިގެންފި.
— Abdulla Siyaz (@AbdullaSiyaz) February 21, 2019
މީގެއިތުރުން، އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ފުލުހުންނަށް ހުށަހެޅި މައްސަލައެއް ނެގުމަށް ވެސް ޔާމީން މަސައްކަތް ކުރެއްވި ކަމަށް ވަކީލާ ވިދާޅުވި އެވެ. ހަމަ އެހެންމެ ފުލުހުންނަށް ހުށަހެޅި މައްސަލަ ތަހުގީގު ނުކޮށް، ދިގު ދެންމުމަށް ވެސް މަސައްކަތް ކުރެއްވުމާއި ތަހުގީގަށް މީހުން ދިން ބަޔާންތަކެއް ބަދަލު ކުރަން ޔާމީން މަސައްކަތް ކުރެއްވުމަކީ ހެއްކަށް ނުފޫޒު ފޯރުވުން ކަމަށްވާތީ ބަންދުގައި ބަހައްޓާދޭން ދައުލަތުން ކޯޓުގައި އެދުނެވެ.
ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ޕީޖީން އެދުމުން ގާޒީ ހައިލަމް އަމުރު ކުރެއްވީ ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ވަކި ގޮތަކަށް ނިމެންދެން ރިމާންޑް ޖަލެއްގައި އެމަނިކުފާނު ބެހެއްޓުމަށެވެ.
ޔާމިން ބަންދުގައި ބެހެއްޓުމަށް ދެކޮޅު ހައްދަވައި، ޔާމިންގެ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވެފައިވަނީ ޔާމީންގެ އެކައުންޓަށް ވަން ފައިސާއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާކަން އެއްވެސް އިދާރާއަކުން މިހާތަނަށް ބުނެފައި ނުވާ ކަމަށެވެ. އަދި ހެއްކަށް ނުފޫޒު ފޯރުވަން ޔާމިން މަސައްކަތް ކުރެއްވި ކަމަށް ޕީޖީ ގެ ވަކީލުން ދެއްކެވި ވާހަކަތައް ވެސް ދޮގު ކުރެއްވި އެވެ.
ފުލުހުން ހިންގާ ތަހުގީގަކުން ހެއްކަށް ނުފޫޒު ފޯރުވައޭ ކިއާފައި ޕީޖީން ބަންދުގެ އަމުރު ނެރެދިނުމަށް ކޯޓުގައި ނޭދެވޭނެ ކަމަށް ވެސް ޔާމިންގެ ވަކީލުން ކްރިމިނަލް ކޯޓުގައި ވިދާޅުވި އެވެ. ޔާމީނަށް ތުހުމަތުކުރާ މަނީ ލޯންޑެރިންގެ މައްސަލަތަކުގައި އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާ ވެސް ފުލުހުން ވަނީ ފްރީޒްކޮށްފަ އެވެ. އެ މައްސަލަ ވެސް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު މައްސަލައިގެ އަޑުއެހުންތައް ވަނީ ނިމިފައި އެވެ.