ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ފުލުހުންގެ ވެހިކަލެއްގެ ފުރޮޅު ދަށަށް ގާބުރިއެއް ލެއްވެވި މައްސަލަ ބެލުމަށް ފުލުހުން ނިންމައިފިއެވެ.
އެ މައްސަލަ ބެލުމަށް ފުލުހުން ނިންމުމަށް ފަހު އެކަމާ ގުޅިގެން ކަންކަން ސާފު ކުރަން ފަށާފައިވާ ކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.
ފުލުހުންގެ ވެހިކަލެއްގެ ފުރޮޅު ދަށަށް ނިހާން ގާބުރިއެއް ލައްވަވާ ވީޑިއޯއެއް ބުދަ ދުވަހުގެ ރޭ ވަނީ ސޯޝަލް މީޑިޔާގައި އާންމުވެފައެވެ. އެ ވީޑީއޯ އިން ފެންނަނީ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުންތަކެއް ކާނިވާ ސަރަހައްދަށް އެއްވެ ކުރި މުޒާހަރާ ނިންމާލުމަށް ފަހު ދިޔަ މަގުމަތީ، ފުލުހުންގެ ވެހިކަލެއްގެ ފުރޮޅު ދަށަށް ގާބުރި ލައްވަވާ މަންޒަރެވެ. ފުލުހުންގެ ވެހިކަލެއްގެ ދަށަށް ނިހާން ގާބުރިއެއް ލެއްވެވީ އެ ސަރަހައްދު، ޕޭވްމަންޓް ގަލެއް ނެންގެވުމަށް ފަހުގައެވެ.
ގާނޫނު ތަންފީޒުކުރާ މީހެއްގެ މަސައްކަތައް ހުރަސް އެޅުމަކީ އަދަބު ކަނޑައެޅިފައިވާ ގާނޫނީ ކުށެކެވެ.
ނިހާން ވަނީ އެ ވީޑިއޯގައި އެ ފެންނަނީ އޭނާ ކަމަށާއި އަދި އެ ގާބުރިލަނީ ފުލުހުންގެ ވެހިކަލް ދުއްވަން ހުރަސް އެޅުމަށް ކަމަށް އިއުތިރާފުވާ މޭރުމުން ޓުވީޓްވެސް ކުރައްވާފައި އެވެ. އެގޮތުން ޓުވީޓަރގައި ދައުރުކުރަމުންދިޔަ އެ ވީޑިއޯއަށް ރައްދުދީ ނިހާން ވިދާޅުވެފައިވަނީ ފުލުހުންގެ ވެހިކަލެއް އާންމު ރައްޔިތުންގެ ތެރެއަށް ވަދެ ފަހަތައް ދުއްވަން އުޅެފި ނަމަ ރައްޔިތުންނަށް އަނިޔާވެދާނެތީ އެފަދަ ކަމަކުން ސަލާމަތްކުރުމަކީ ކޮންމެ މީހެއްގެ ވެސް ވާޖިބެއް ކަމަށެވެ.
Madives police Service ge vehicle eh Raiyyithun thakeh thereah vadhe, Fahathah Dhuvvan ulhefinanama Raiyyithunnah Aniyaa vedhaane thee efadha kamakun raiyyithun Salaamaiy kurumakee konmme meehehge ves vaajibeh.
— Ahmed Nihan (@ahmed_nihan) February 20, 2019
ނިހާން އެހެން ވިދާޅުވި ނަމަވެސް ބުދަ ދުވަހުގެ ރޭ ޕީޕީއެމް އިން ކާނިވާ ސަރައްދުގައި ބޭއްވި މުޒާހަރާ ނިންމާލި ކަމަށް ބުނުމަށް ފަހު ނިހާން އިސްވެ ހުންނަވައިގެން އާންމުން ގޮވައިގެން މަގުމައްޗަށް ނިކުންނަވާ ފުލުހުންގެ ވެހިލްކުރިމަތިން ވަނީ ހުރަސްކުރައްވާފައެވެ. މީގެ ކުރިން ވެސް ނިހާން ވަނީ އެފަދަ ބައެއް އަމަލުތައް ހިންގަވާފައެވެ. އެ ގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި ކުރި ބައެއް މުޒާހަރާތަކުގައި ބެރިކޭޑެއް މަތިން ފުއްމަވާލައްވަނިކޮށް ނަގާފައިވާ ވީޑިއޯއެއް ވެސް އާންމުވެފައި ވެއެވެ. އަދި މަޖިލީހުގެ ތެރޭގައި އަނގަ ދޮއްވެވުމަށް ފަހު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާގެ ހަށިކޮޅަށް ފެން ޖެއްސެވި ވީޑިއޯ ވެސް ވައިރަލްވެފައި ވެއެވެ.