ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ ސަދަގާތު ފައުންޑޭޝަނުން، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދިނީ ތަހުގީގު ފެށުމުންކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.
އެނގިފައިވާ ގޮތުގައި މިދިޔަ ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް ބަހަން ސަދަގާތު ފައުންޑޭޝަނުން އެސްޓީއޯ އިން ހަނޑުލާއި، ފުށާއި ހަކުރު ހިމެނޭ ގޮތަށް 800 ބަސްތާ ނަގާފައި ވެއެވެ. އެ ތަކެތި ނަގާފައި ވަނީ ފައިސާ ނުދައްކައިކަން ރާއްޖެއެމްވީ އަށް ވަނީ ކަށަވަރުވެފައެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯގެ އިންޓާނަލް އޮޑިޓެއް ފަށާފައި ވަނީ އެތަނުގެ މެނޭޖިން ޑިރެކްޓަރަކަށް ހުސެއިން އަމްރު އައްޔަން ކުރެވުނު ހިސާބުންނެވެ. ތަހުގީގު ފެށުމާ އެކު އެތަނުގެ މުއައްޒަފެއް މެދުވެރިކޮށް އަހަރެއްހާ ދުވަސް ފަހުން މި ހަފުތާގެ ތެރޭގައި އެ ފައިސާ ދައްކާފައިވާކަން ރާއްޖެ އެމްވީ އަށް ވަނީ އެނގިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފާތުމަތު އިބްރާހިމް އެ ފައިސާ ދައްކަވާފައި ވަނީ ކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ޝަހީރުގެ ކާރު ޑްރައިވަރު މެދުވެރިކޮށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ފާތިމަތު އިބްރާހީމްގެ ސަދަގާތް ފައުންޑޭޝަނުގެ ނަމުގައި ކާޑުގެ އިތުރުން ކަދުރާއި ޕެނެޑޯލު ފަދަ ތަކެތި ބަހާފައިވެއެވެ. އޭގެ އިތުރުން އާސަންދަ ބޭނުންކޮށްގެން ހިތާނީ ކޭމްޕްތައް ބާއްވާފައިވާ އިރު އެޗްޑީސީ އާއި އެ ނޫން ވެސް ތަންތަނުން ނަގައި އެ ފައުންޑޭޝަންގެ ނަމުގައި ބަހާފައި ވެއެވެ. މިގެ އިތުރުން ސައުދީ ސަރުކާރުން ރާއްޖެ އަށް ދިން ކަދުރު ވެސް އެ ފައުންޑޭޝަންގެ ނަމުގައި ބެހި މައްސަލައެއް ފެންމަތިވެފައި ވެއެވެ. އެކަންތައްތަކުގައި ކަރަޕްޝަންގެ ތުހުމަތުތަކެއް އެކަމަނާގެ މައްޗަށް ދަނީ ކުރެވެމުންނެވެ.