ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ފުލުހުންގެ ވެހިކަލެއްގެ ފުރޮޅު ދަށަށް ގާބުރިއެއް ލައްވަވާ ވީޑިއޯއެއް އާންމުވެއްޖެއެވެ.
އާންމުވެފައިވާ ވީޑީއޯއިން ފެންނަނީ ބުދަ ދުވަހުގެ ރޭ، ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުންތަކެއް ކާނިވާ ސަރަހައްދަށް އެއްވެ ކުރި މުޒާހަރާ ނިންމާލުމަށްފަހު ދިޔަ މަގުމަތީ، ފުލުހުންގެ ވެހިކަލެއް ކުރިއަށް ނުގެންދިއުމުގެ ގޮތުން ފުރޮޅު ދަށަށް ގާބުރި ލައްވަވާ މަންޒަރެވެ. ފުލުހުންގެ ވެހިކަލެއްގެ ދަށަށް ނިހާން ގާބުރިއެއް ލެއްވެވީ އެ ސަރަހައްދު، ޕޭވްމަންޓު މަތިން ގާބުރިއެއް ނެންގެވުމަށްފަހުގައެވެ. އަދި ގާބުރި ވެހިކަލްގެ ދަށަށް ގެއްލުވުމަށްފަހު ނިހާން ފިލަން މަސައްކަތް ކުރާ މަންޒަރު ވީޑިއޯއިން ފެނެވެ.
ފުލުހުންގެ މަސައްކަތަށް ދަތިކޮށް، ހުރަސް އެޅުމަކީ ގާނޫނީ ކުށެކެވެ.
Breaking news: Mirey PPM ge muzahara therein @ahmed_nihan @PoliceMv vehicle ah huras alhan gaaburi eh laa video eh aamu vejje. Fiyavalhu alhaa! pic.twitter.com/BYwMwiwVYp
— Luke (@Lucasjalyl) February 20, 2019
މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ކުރައްވާ ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސް އެޅުއްވި ވީޑީއޯއެއް އާންމުވެފައި ވާއިރު، ގާނޫނުލް އުގޫބާތުގައި ބުނެފައިވާ ގޮތުން ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމަކީ ކުށެކެވެ. އެ ކުށުގެ އަދަބަކީ އެއް އަހަރާއި 6 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި ސިލްސިލާ މުޒާހަރާތަކުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް އެފަދަ ދައުވާތަކެއް އުފުލައި، ޝަރީއަތް ހިންގައި ޖަލަށްލިއެވެ. އެގޮތުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެކި ފަހަރުމަތިން މަހުލޫފުގެ މައްޗަށް އުފުލިއެވެ.