ހަތް އަހަރުގެ އަންހެން ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓުނު ޑަބްލިއު ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތް ފެށުމުގެ ހުއްދަ އަދިވެސް ދީފައި ނުވާ ކަމަށް ޑަބްލިއު ކޮންސްޓްރަކްޝަނުން ބުނެފިއެވެ.
ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބަންގްލަދޭޝްގެ ދެ ޑޮކްޓަރެއްގެ ތިބި ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާ، ޖިއާން ރައުޝަން މިދިޔަަ ޑިސެމްބަރު 17 ވަނަ ދުވަހު މަރުވީ ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާ އިން ޖެހި ލިބުނު ޒަހަމްތަކަށް، އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
އެކަމާއި ގުޅިގެން ޑަބްލިއު ކޮންސްޓްރަކްޝަންގެ ހުރިހާ ސައިޓެއްގެ މަސައްކަތް ކުރިއަށް ގެންދިއުން ހުއްޓުވިއެވެ. އަދި ހާދިސާ ހިނގާފައިވާ ސައިޓް ފިޔަވައި އެހެން ސައިޓްތަކުގެ މަސައްކަތް ކުރުމަށް ހުއްދަ ދީފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ.
ޑަބްލިއު ކޮންސްޓްރަކްޝަންގެ އިސް އޮފިޝަލަކު ރާއްޖެއެމްވީއަށް ވިދާޅުވީ ސައިޓުގެ މަސައްކަތް އަލުން ފެށުމުގެ ހުއްދައަކަށް އެދި މާލޭ ސިޓީ ކައުންސިލަށް އެދުނު ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާ މައްސަލައަކަށް ވާތީ ޖަވާބެއް ދެވެން ނެތް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
" ތަހުގީގު ކުރިއަށް ދާތީ ސިޓީ ކައުންސިލުން ބުނެފައިވަނީ ޖަވާބެއް ދެވެން ނެތް ކަަމަށް. ވަރށް ބޮޑު ގެއްލުމެއް. ހަގީގަތުގައި އެގޭގެ ވެރިފަރާތަށް ވެސް ވަރށް ބޮޑު ގެއްލުމެއް. ވަރށް ބޮޑަށް ޕްރެޝަރ އާދޭ ލޯނު ނަގައިގެން އެމީހުން ކުރާ މަސައްކަތެއް ވީމަ އެންމެ ދުވަހަކީ ވެސް މުހިއްމު ދުވަހެއް." އޭނާ ވިދާޅުވިއެވެ.
ޖިއާާންގެ މަރަށްފަހު ވެސް މާލޭގެ ކޮންސްޓަރްކްޝަން ސައިޓަކުން ވެއްޓުނު ގަލަކުން ޖެހި ބިދޭސީއެއް ދާދި ފަހުން ވަނީ މަރުވެފައެވެ. އަދި އިމާރާތްތަކުން މަގުތަކަށް ތަކެތި ވެއްޓި މީހުންނަށް އަނިޔާވެފައިވެއެވެ.