މަސް ކިރުވި ފައިސާ ނުލިބުމުގެ ހިތާމައިގައި، މަސްވެރިން ދުވަސްތައް ގުނަގުނާ ތިބޭކަށް ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެެ އެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ، ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަސްދޯނި އެކައުންޓް އިފްތިތާހު ކުރެއްވުމަށް ގއ. ކޫއްޑޫ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޖަލްސާގައި ވާހަކަފުޅުދައްކަމުން ރައީސް ސޯލިހު ވިދާޅުވީ، "މަސްވެރިޔާ ކާޑު"ގެ ޚިދުމަތް ފެށުމުން މަސް ކިރުވުމާއެކު އޮޑިވެރިޔާގެ ނުވަތަ ކެޔޮޅުގެ އެކައުންޓަށް ވަގުތުން ފައިސާ ޖަމާ ކޮށްދެވޭނެ ކަމަށެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއއެވެ.
''އެހެންވީމާ، މީގެ ކުރީގައި ކަންހިނގި ގޮތަށް، މަސް ކިރުވި ފައިސާ ނުލިބުމުގެ ހިތާމައިގައި، ދުވަސްތައް ގުނަގުނާ ތިބޭކަށް ނުޖެހޭނެ. އަދި ފައިސާ ހޯދުމަށްޓަކައި ދަތުރު ހަދާފައި އެހެން ތަނަކަށް ދާކަށްވެސް ނުޖެހޭނެ.'' ރައީސް ސޯލިހު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ، "މަސްވެރިޔާ ކާޑު އަދި ޑިޖިޓަލް ވޮލެޓް"ގެ ޚިދުމަތަކީ މަސްވެރިންގެ ވަރަށް ގިނަ ކަންބޮޑުވުންތައް ފިލުވައިދޭނެ ޚިދުމަތެއް ކަމަށެވެ. ރިޔާސީ ކެމްޕޭންގެ ތެރޭގައި، ރާއްޖޭގެ މަސްވެރިންނާ ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ، މަސް ކިރުވުމުން ވަގުތުން ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމާއި ބޭންކު ނިޒާމުގެ ތެރޭގައި މަސްވެރީން ނުހިމެނޭ މައްސަލަ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
''މި ޝަކުވާތައް އަޑުއެހުމަށް ފަހު އަޅުގަނޑުމެން ވަޢުދުވީ، މަސްދޯނި އެކައުންޓް ހުޅުވައިދީ، ބޭންކިން ނިޒާމުގެ ތެރެއަށް ވަދެވޭނެ މަގު މަސްވެރީންނަށް ތަނަވަސްކޮށްދިނުމަށް. އަދި ރަށުގައި ފައިސާ ޖަމާކޮށް ނެގޭނެ ވަސީލަތްތައް ޤާއިމްކޮށްދިނުމަށް. ހަމައެފަދައިން، ލޯންތަކާއި ކްރެޑިޓް ސްކީމްތައް މަސްވެރިންނަށް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަކީ ވެސް އަޅުގަނޑުމެންގެ ވަޢުދެއް. މަސްވެރިޔާ ކާޑު އަދި ޑިޖިޓަލް ވޮލެޓް"ގެ ޚިދުމަތަކީ، މަސްވެރިންގެ ވަރަށް ގިނަ ކަންބޮޑުވުންތައް ފިލުވައިދޭނެ ޚިދުމަތެއް.'' ރައީސް ސޯލިހު ވިދާޅުވިއެވެ.
މި ޚިދުމަތުގެ ސަބަބުން، ނަގުދު ފައިސާއާ ނުލައި ރައްކާތެރިކަމާއެކު ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރުމުގެ ފުރުޞަތު އޮޑިވެރިންނާއި މަސްވެރީންނަށް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މަސްވެރިކަމުން ލިބޭ އާމްދަނީ ދުވަހުން ދުވަހަށް މަސްވެރިންގެ އެކައުންޓަށް ޖަމާކުރެވޭ ގޮތް ވުމަކީ ބޭންކިން ނިޒާމުގެ ތެރެއިން ލިބޭ އެހެން ޚިދުމަތްތަކަށް ވެސް މަގުފަހިވާނެ ކަމެއް ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
މި ޚިދުމަތަކީ މަސް ކިރާ ކުންފުނިތަކުން ވަގުތުން ނަގުދު ފައިސާ ދިނުމަށްވުރެވެސް މާ ރައްކާތެރިމާ ފުރިހަމަ ގޮތެއްގައި އަތުގައި ފައިސާ ގެންގުޅެވޭނެ ނިޒާމެއްކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދިމާވާ ފައިސާ ގެއްލުމާއި ފައިސާ ވަގަށް ނެގުންފަދަ އެތައް ކަމަކުން ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، މި ކާޑުގެ މަސްވެރިންގެ އާމްދަނީގެ ޙާލަތު ބޭންކަށް އެނގެމުން ދާނެ ކަމަށާއި އޭގެ ސަބަބުން އޮޑިވެރީންނާއި މަސްވެރީންނަށް ބޭންކުން ލޯނު ލިބުން ފަދަ ކަންތައް ފަސޭހަވާނެ ކަމަށެވެ.