ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި ވަނީ 24 ގަޑިއިރަށް ކަމަށާއި އެމަނިކުފާނަށް ފަރުވާ ދެމުން ގެންދަނީ ހިތުގެ ޑިޕާޓްމަންޓުން ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ރާއްޖެއެމްވީ"އަށް ވިދާޅުވީ ޔާމީނަށް ފަރުވާ ދެމުން ގެންދަނީ ބުދަ ދުވަހުގެ ހަވީރުން ފެށިގެން 24 ގަޑިއިރަށް ކަމަށެވެ. ނަމަވެސް އެމަނިކުފާނަށް ފަރުވާ ދެމުން ގެންދަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އޮފިޝަލް ވިދާޅެއް ނުވެއެވެ.
ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން، މިދިޔަ ހޯމަ ދުވަހު ޔާމީން ހައްޔަރު ކުރީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެދެކަށެވެ. ހޯމަ ދުވަހު ކްރިމިނަލް ކޯޓަށް ޔާމީން ހާޒިރުކުރުމަށްފަހު، ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި އެމަނިކުފާނު ވަނީ ބުރަކަށީގައި ރިއްސާ ކަމަށާއި ގަވައިދުން އެކަމަށް ފަރުވާ ކުރަމުންދާ ކަމަށް ބުނެފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް ވަނީ އެކަމަށް ރިޔާއަތް ކުރެއްވުމެއް ނެތި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ބުދަ ދުވަހު ޔާމީން އައިޖީއެމްއެޗަށް ގެނެސްގެން ފަރުވާ ދޭން ފެށި ސަބަބާ ގުޅޭ ގޮތުން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސުން ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ. އެކަމާ ގުޅޭ ގޮތުން ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާނަށް ގުޅާލުމުން ފޯނަށް ޖަވާބެއް ނުދެއްވައެވެ.
އައިޖީއެމްއެޗަށް ޔާމީން ގެނައުމާ އެކު، އޭނާގެ ސަޕޯޓަރުންތަކެއް ބުދަ ދުވަހު ވަނީ އައިޖީއެމްއެޗަށް ވަދެގަނެ، އެތަނުގެ ތެރޭގައި އަޑުގަދަކޮށް، ފުލުހުންނާ ޒުވާބުކޮށް، ހަމަނުޖެހުން ހިންގާފައެވެ. އެ ހަމަނުޖެހުން ހުއްޓުވައި، އެތަނަށް އެއްވި މީހުން ދުރަށް ޖެއްސުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހާފައެވެ.