ބޭރު ގައުމުތަކުގެ ހަނގުރާމައަށް ގޮސް ފިރިމީހާ މަރުވެ ހުވަފަތްވެފައިވާ އާއިލާތަކުގެ ތެރެއިން ހަ އާއިލާއެއް ރާއްޖެ އަންނަން ބޭނުންވެގެން ގުޅަމުން އަންނަ ކަމަށް ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނެފިއެވެ.
ކޯސްޓްގާޑް ބިލްޑިންގްގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންސީޓީސީގެ ފަރާތުން ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް ގޮސް އުޅެނިކޮށް މަރުވެފައިވާ ބައެއް މީހުންގެ އަނބިދަރިން އެނބުރި ރާއްޖެ އަންނަން ބޭނުންވެގެން އަންގާފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަ އާއިލާއެއް އެނބުރި ރާއްޖެ އަންނަން ބޭނުންވެގެން ގުޅަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ޒަކަރިއްޔާ މަންސޫރު ވިދާޅުވީ އެ އާއިލާތައް ރާއްޖެ ގެނައުމުގައި ބޮޑެތި ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. އެ މީހުން އެތަނުގައި ތިބެ ލިބިފައިވާ ދަރިންގެ އައިޑީކާޑް ފަދަ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުހިންމު ލިޔެކިޔުންތައް އެ މީހުންގެ އަތުގައި ނެތް ކަމަށާއި އެހެންކަމުން އުސޫލީ މިންގަނޑުގެ ތެރެއިން އެކަން ކުރަން ވަރަށް އުނދަގޫވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެތަނެއްގައި ތިބެ ލިބިފައި ތިބި ދަރިން. އެ މީހުންގެ އައިޑީކާޑެއް ނެތް. އުސޫލީ މިންގަނޑު ތެރެއިން އުނދަގޫވާނެ. އައިޑީކާޑެއް އެ މީހުންގެ އަތުގައި ނޯންނާނެ. ކުޑަކުދިންނާއި އަންހެނުން މިތަންތާގައި ސަފަރކުރަންޖެހޭނީ،" ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.
ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން އެ މީހުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަމަށް ހައްލެއް ހޯދޭނެ ގޮތްތައް ވެސް ބަލަމުން އަންނަ ކަމަށް ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.
ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވުމަށް 61 ފިރިހެނަކު ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށާއި، މިއީ ރާއްޖޭގެ އާބާދީއަށް ބަލާއިރު ބޮޑު އަދަދެއް ކަމަށް ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.