ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް އެއްވެސް ޕާޓީއަކަށް ދޫކޮށްފައި ނުވާނެ ކަމަށާއި، މަޖިލީސް އިންތިހާބަށް ވާދަ ކުރާ 42 ދާއިރާގެ ފޯމް އިލެކްޝަނަށް ހުށައަޅާފައިވާ މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
ޖޭޕީން މީގެ ކުރިން 44 ދާއިރާއަކަށް ވާދަކުރާނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ. އޭގެ ތެރެއިން ދެ ދާއިރާއެއް އުނި ކުރުމަށް ފަހު ބުދަ ދުވަހު ކެންޑިޑޭޓުންގެ ފޯމްތައް އީސީ އަށް ހުށައަޅާފައިވާ ކަމަށް އެ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް ހުސައިން ރަޝީދު ވިދާޅުވިއެވެ.
''އަޅުގަނޑުމެން މިހާރު މިވަނީ ރައްޔިތުންގެ މަޖިލީހަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލައި، ހުރިހާ ކެނޑިޑޭޓުންގެ ފޯމް އީސީ އަށް ހުށައަޅާފައި، އެ ކެނޑިޑޭޓުންގެ ކެންޑިޑޭސީ ގަބޫލް ކުރައްވާ އަޅުގަނޑުމެންނަށް ލިޔުން ހަވާލުކޮށްފައި... މިހާރު ކުރިޔަށް ދަނީ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީ ކޮށް ލޯންޗުކުރުން'' އޭނާ ވިދާޅުވިއެވެ.
ޖޭޕީން ވާދަ ނުކުރަން ނިންމީ އދ. މަހިބަދޫ އާއި ޅ. ކުރެންދޫ ދާއިރާއަށެވެ. އދ. މަހިބަދޫ ދާއިރާގެ ޓިކެޓް އެ ޕާޓީން ދިން އަހްމަދު ސުނިލް ވަނީ އަމިއްލަ ގޮތުން އެ ދާއިރާ އަށް ވާދަކުރުމަށް ނިންމާފައެވެ. އަދި ޅ. ކުރެންދޫ ދާއިރާ އަށް ވެސް ޖޭޕީން ވާދައެއް ނުކުރެއެވެ.
ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ވާދަކުރުމުގައި ޕާޓީތަކާ އެކު މަޝްވަރާކުރަން ތައްޔާރަށް އޮތް ކަމަށް ކުރިން ޖޭޕީން ބުނެފައިވާ އިރު އެ ޕާޓީ ވާދަކުރާ ބައެއް ދާއިރާތަކަށް ވާދަނުކުރަން ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސް ކޯލީޝަނުން ނިންމާފައި ވެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވެރިކަމަށް ގެނައުމަށް ތާއިދު ކުރާ ކަމަށް ވެސް ވަނީ ބުނެފައެވެ.