އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ނެރުނު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހްގީގް ރިޕޯޓާއި ގުޅިގެން ފިޔަވަޅު އެޅި ބޭފުޅުން މަސްއޫލިއްޔަތަށް ނެރޭނީ ތަހްގީގު ނިމުމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.
ހޫދު ވިދާޅުވީ އެ ބޭފުޅުން ޒިންމާއިން ދުރުކުރެއްވީ، އެކަމާ މެދު އޭސީސީން ގޮތެއް ނިންމަން ދެން ކަމަށެވެ. ސަރުކާރުން މި ބޭފުޅުންނާއި މެދު ފިޔަވަޅު އަޅުއްވާފައިވަނީ ސަރުކާރުން ގެންގުޅުއްވާ "ޒިރޯ ޓޮލަރެންސް ޕޮލިސީ"ގެ ދަށުންނެވެ.
އޭސީސީން އާންމުކުރި ރިޕޯޓާއި ގުޅިގެން ސަރުކާރުން ފިޔަވަޅު އަޅާފައިވަނީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް އެމްޕަވަރމެންޓް އަހްމަދު މަހްލޫފާއި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން އޭސީސީން ކުރި ތަހުގީގުގެ ތަފްސީލް ރިޕޯޓް މިދިޔަ ހަފުތާގައި އާއްމުކުރި އިރު، ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ލިބުނު ފައިސާ އެސްއޯއެފުން ޖަމާކުރި 155 މީހުންގެ ލިސްޓު އާއްމުކުރި އެވެ. އޭގެތެރޭގައި އާޒިމް، އަކްރަމް، އަދި މަހްލޫފްގެ ނަން ހިމެނެއެވެ. އެސްއޯއެފްގެ އެކައުންޓުން، އަބްދުﷲ އާޒިމަށް 50،000 ޑޮލަރު, އަކްރަމް ކަމާލުއްދީންގެ އެކައުންޓަށް 30،000 ހާސް ޑޮލަރު، މަހްލޫފްގެ އެކުންޓަށް 33،000 ހާސް ޑޮލަރެވެ. މި ބޭފުޅުންނަކީ ހިޔާނާތުގެ ބައިވެރިން ކަމެއް ނުވަތަ މައުސޫމް މީހުން ކަމެއް ރިޕޯޓުގައި އޭސީސީން ސާފުކޮށްދީފައެއް ނުވެ އެވެ.
އޭސީސީގެ އެ ރިޕޯޓް އާންމުކުރުމާއެކު، ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެގެން ގޮސްފައެވެ.