ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވަނީ އެންމެ ފޭސްބުކް އެކައުންޓެއް ކަމަށާއި، ރައީސް އާންމުކޮށް ފޭސްބުކް ބޭނުންފުޅު ނުކުރައްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ހޫދު ކުރެއްވި ޓްވީޓެއްގައި ރައީސްގެ ފޭްސްބުކް އެކައުންޓް ހިއްސާ ކުރައްވައި ވިދާޅުވީ، އެއީ އެމަނިކުފާނު ގެންގުޅުއްވާ ހަމައެކަނި އެކައުންޓްކަން ސާފުކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވާ ކަމަށާއި، ރައީސްގެ ނަންފުޅުގައި ހިންގާ އެކައުންޓް ތަކަކީ އެމަނިކުފާނާ އެއްވެސް ގުޅުމެއްވާ އެކައުންޓްތަކެއް ނޫން ކަމަށެވެ.
President @ibusolih has asked me to clarify that his only Facebook account is https://t.co/gPgDgPlwPR. All other accounts bearing the President’s name, including their content, are neither associated with nor endorsed by the President.
— Ibrahim Hood (@MvSpokesperson) February 20, 2019
އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އާ ވާހަކަ ދައްކަވަމުން ހޫދު ވިދާޅުވީ، ޓްވީޓުގައި ހިއްސާ ކުރައްވާފައިވާ އެކައުންޓަކީ ރައީސްގެ ހަމައެކަނި އެކައުންޓް ކަމަށާއި، ނަމަވެސް ރައީސް އާންމުކޮށް ފޭސްބުކް ބޭނުން ނުކުރައްވާ ކަމަށެވެ.
ހޫދު އެހެން ވިދާޅުވެފައިމިވަނީ ރައީސްގެ ރަސްމީ ފޭސްބުކް އެކައުންޓް ކަމަށް ދޭހަވާ ގޮތަށް ފޭސްބުކްގައި ބައެއް އެކައުންޓްތައް ހިންގަމުންދާ ދަނޑިވަޅެއްގައެވެ.
ފޭސްބުކް ބޭނުންފުޅު ނުކުރެއްވި ނަމަވެސް ރައީސް ޓްވިޓަރ ބޭނުންފުޅު ކުރައްވައެވެ. އެގޮތުން ރައީސްގެ ރަސްމީ ޓްވިޓަރ އެކައުންޓަށް 48.2 ހާސް މީހުން ފޮލޯ ކުރެއެވެ.