މޯލްޑިވިސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމްއެސްއެލް) ފުނޑުފުނޑު ވެގެން ދިޔައީ ރަނގަޅަށް މެނޭޖުނުކުރެވުމުގެ ސަބަބުން ކަމަށާއި، ރާއްޖޭގައި އާ ޝިޕިން ލައިނެއް އުފެއްދުން މުހިންމު ކަމަށް އެމްޕީއެލްގެ ބޯޑު މެންބަރު މުހައްމަދު ޝަރީފް (ސެންކޯ ޝަރީފް) ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ޝަރީފް ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ދުވަސްވަރު އެމްއެސްއެލްއަކީ މި ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ޝިޕިންގ ލައިން ކަމަށެވެ.
އެމްއެންސީއެލްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ 1990 ވަނަ އަހަރު އެ ކުންފުނީގެ ދަރަނި ބޮޑުވެ ބޯޓްތައް ވިއްކަން ފަށާފައިވާ ކަމަށާއި 2000 ވަނަ އަހަރު އައިއިރު ބޯޓެއް ވިއްކާ ނިންމާފައި ވާކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު، އެމްއެންސީއެލްގެ ދަރަނި އޮތީ 16.4 މިލިއަން ޑޮލަރަށް އަރާފައި ކަމަށާއި އެ ފައިސާ ދައްކައި ހަލާސްކުރީ ނަޝީދުގެ ވެރިކަމުގައި ކަމަށް ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރު ހިއްސާވާ ގޮތަށް ޝިޕިން ލައިނެއް ހެދުމަކީ މުހިއްމު ކަމެއް ކަމަށާއި، ޝިޕިން ލައިނެއް ހަދަންދާ ހަރަދު އަހަރެއްގެ ތެރޭގައި އަނބުރާ ލިބޭނެ ކަމަށެވެ. މެރިޓައިމް ދާއިރާއިން ކިޔާވާފައި ތިބި މީހުން މިހާރު ވެސް އެބަތިބި ކަމަށާއި އޭގެ ސަބަބުން އެ މީހުންނަށް ވަޒީފާގެ ފުރުސަތު ލިބިގެން ދާނެ ކަން ޝަރީފް ވަނީ ފާހަގަ ކޮށްފައެވެ.
ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އުފެއްދި އެމްއެންސީއެލް 50 އަހަރަށް ވުރެން ދިގު މުއްދަތެއްގައި ކުންފުނި ހިންގާފައި ވާއިރު 90 ބޯޓް އޮތެވެ. ނަމަވެސް ކުންފުނި ބަނގުރޫޓް ވީއިރު އޮތީ ތިން ބޯޓްކަމަށް ޝަރީފު ވިދާޅުވި އެވެ.