އިންޑިއާއިން ޕާކިސްތާނަށް ހަމަލާ ދީފިނަމަ ބަދަލުގައި ހަމަލާ ދޭނެކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.
ޕާކިސްތާނުގެ ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން އިމްރާން ޚާން އަންގާރަ ދުވަހު ވިދާޅުވީ އިންޑިއާއިން އެގައުމަށް ހަމަލާ ދީފިކަމުގައި ވާނަމަ ބަދަލުގައި ހަމަލާ ދިނުން ނޫން ގޮތެއް ނެތްކަމަށެވެ. އަދި ހަނގުރާމައެއް ފެށުމަކީ ފަސޭހަކަމެއް ކަމަށާއި އެހެން ނަމަވެސް އެ ހުއްޓުވުން އެއީ އުނދަގޫ ކަމެއް ކަމަށް ވިދާޅުވިއެވެ.
"އަހަރެމެންނަކަށް އިތުރު ގޮތެއް ނެތް ހަމަލާ ދީފި ކަމުގައިވާނަމަ ބަދަލުގައި ހަމަލާ ދިނުން ނޫން ގޮތެއް. އަހަރެމެން އެންމެނަށް ވެސް އެނގޭ ހަނގުރާމަ ފެށުން އެއީ ފަސޭހަ ކަމެއްކަން." އިމްރާން ޚާން ވިދާޅުވިއެވެ.
ކަޝްމީރުގައި ބޮމެއް ގޮއްވާލައިގެން އިންޑިއާގެ 42 ސިފައިން މަރާލުމާއެކު އެކަމު ހަރުކަށި ރައްދު ދޭނެކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ. އެ ހާދިސާގެ ފަހަތުގައި ވަނީ ޕާކިސްތާނު ކަމަށް ބުނެ އިންޑިއާއިން ވަނީ އެގައުމު މުޅީން އެކަހެރިކޮށްލާނެ ކަމުގެ އިންޒާރު ދީފަ އެވެ.
އިމްރާން ޚާން ވިދާޅުވީ، އިންޑިޔާއިން މި ހަމަލާގެ ޒިންމާ ޕާކިސްތާނުގެ ބޮލުގައި އަޅުވަމުން ދަނީ އެއްވެސް ހެއްކެއް ނެތިކަމަށެވެ. އަދި އިންޑިއާގެ ސިފައިން މަރާލައިގެން ޕާކިސްތާނަށް ލިބޭނެ ވަކި ފައިދާއެއް ނޯންނާނެކަމަށް ވިދާޅުވިއެވެ. އަދި އެ ހަމަލާގައި ޕާކިސްތާނު ބައިވެރިވާ ކަމުގެ ހެކި ދެއްކުމަށް ވެސް ވަނީ ގޮވާލައްވާފައެވެ.
މިހަމަލާއާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައިވަނީ އެހަމަލާ ދިނުމަށް ބައިވެރިވި ފަރާތްތަކަށް ރައްދު ދެއްވާނެކަމަށެވެ.