މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހުގެ ނަރުދަމާގެ މަޝްރޫޢު އަވަހަށް ފައްޓަވައިދެއްވުމަށް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަރިހުން އެދިވަޑައިގެންފިއެވެ.
ކައުންސިލުން އެކަމަށް އެދިވަޑައިގެންފައި ވަނީ އަންގާރަ ދުވަހު ރައީސް ސޯލިހު އާއެކު ކައުންސިލްއިން ބޭއްވި ބައްދަލުވުމުގައެވެ.
ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ ތަރައްޤީގެ މަސައްކަތްތަކާބެހޭ މައުލޫމާތު ރައީސް ސޯލިހު އާއި ހިއްސާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
އެ ރަށަށް މިހާރު އެންމެ ބޮޑަށް ބޭނުންވެފައިވަނީ ނަރުދަމާގެ ނިޒާމް ކަމަށާއި، ނަރުދަމާގެ މަޝްރޫޢު އަވަހަށް ފައްޓަވައިދެއްވުމަށް ވެސް ކައުންސިލުން ރައީސް ސޯލިހު އަރިހު އެދިވަޑައިގެންފައިވާ ކަަމަށް ވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން ފަތުރުވެރިކަމަށް ދޫކުރާ ބިންތަކުން ރަށުގެ ކައުންސިލަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދެއްވުމަށް ވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ރަށުގެ ބަނދަރު ތަރައްޤީ ކުރުމުގެ އިތުރުން ސުކޫލަށާއި ޞިއްޙީ މަރުކަޒަށް ދަތިވާ ބައެއް ކަންތައްތައް ކައުންސިލުން ވަނީ ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއި އެކު މަޝްވަރާކުރެއްވުމަށް ފަހު އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
މި އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތައް މި އަހަރުގެ ތެރޭގައި ފެށިގެން ދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ސަރުކާރުން ރާއްވަވާފައިވާ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް މަޝްރޫޢުތައް ކުރިއަށް ގެންދެވުމުގައި، އަސާސީ ޚިދުމަތްތައް ފުރިހަމަ ވެފައި ނެތް ރަށްރަށުގައި ވަސީލަތްތައް ފުރިހަމަ ކޮށްދެއްވުމަށް އިސްކަން ދެއްވާނެ ކަމުގައިވެސް ރައީސް ސޯލިހު ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
އާބާދީ ގައި ހަތަރު ސަތޭކައެއްހާ މީހުން އުޅޭ މަޅޮހުގެ ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ.