ސައުދީގެ ޖެނެރަލް އޮޑިޓިން ބިއުރޯ އާއި ރާއްޖޭގެ އޮޑިޓާ ޖެނެރަލް އޮފީހާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުގައި އަންގާރަދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތާއި ސައުދީގެ ޖެނެރަލް އޮޑިޓިން ބިއުރޯގެ ރައީސް ޑރ. ހުސައިން އަލް އަންގާރީއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ ރާއްޖެ އާއި ސައުދީއާ ގުޅިގެން ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގޮތުންނާއި ތައުލީމީ ގޮތުން އަދި ސަގާފީ ގޮތުން އޮންނަ ގާތްގުޅުން ފާހަގަ ކުރެއްވިއެވެ. އަދި ސައުދީ އޮޑިޓް އޮފީހުގެ ރައީސަށާއި އެމަނިކުފާނުގެ ޓީމަށް ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެ މެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ސައުދީގެ ޖެނެރަލް އޮޑިޓިން ބިއުރޯގެ ރައީސް ޑރ. ހުސައިން އަލް އަންގާރީ ވިދާޅުވީ ރާއްޖެ އާއި އެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ދުވަހެއް ދުވަހަކަށް ވުރެ ބަދަހިވަމުން އަންނަ ކަމަށާއި އެއްބަސްވުމުގެ ދަށުން އެގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.