ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ, ހުންނަވައިގެން އުފައްދަވާ ޕާޓީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ)އިން ދީފިއެވެ.
އެމްއާރްއެމް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އަންގާރަ ދުވަހު ދީފައި ވަނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަނަށެވެ.
އެ ޕާޓީ އުފެއްދުމަށް ހުށައެޅުމުގެ އެންމެފަހު ތާރީޚަކީ އަންނަ މެއި މަހުގެ 19 ވަނަ ދުވަހެވެ.
އެމްއާރުއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
އިބްރާހިމް ހަސަން ވިދާޅުވީ އަންގާރަ ދުވަހު އީސީން އެމްއާރުއެމް އުފައްދަން ހުއްދަ ދީފައިވާ ކަމަށާއި ވަރަށް އަވަހަށް ޕާޓީ އުފެއްދުމަށްފަހު އެކަމިޝަނަށް ހުށައަޅުއްވާނެ ކަމަށެވެ.
"މިޕާޓީގެ އެންމެ އިސްކަމަކަށްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދަމަހައްޓާ މި ކޯލިޝަން ސަރުކާރު ދެމެހެއްޓުން." އިބްރާޙިމް ހަސަން ވިދާޅުވިއެވެ.
އެމްއާރުއެމް ރެޖިސްޓަރ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އަދި ކުރިން ޖުމްހޫރީ ޕާޓީގެ މެމްބަރުކަން ވެސް ކުރައްވާފައިވާ އަބްދުﷲ ކަމާލުއްދީން ވިދާޅުވީ އެމްއާރުއެމްގެ މަގުސަދަކަށް ވާނީ އެންމެން ގުޅިގެން އެކަތިގަނޑަކަށްވެގެން ވަރިގަދަ ސިޔާސީ ފިކުރެއްގެ ގޮތުގައި ކުރިއަށް ނެރުންކަމަށެވެ.
ކުރިން ދެ ޕާޓީއެއް އުފައްދަވަފައިވާ މައުމޫނު ވިދާޅުވީ ފުރުސަތު ލިބިވަޑައިގެންފިނަމަ އާ ސިޔާސީ ޕާޓީގެ މަގާމެއްވެސް ފުރުއްވަފާނެ ކަމަށެވެ. މައުމޫނު އެންމެ ފުރަތަމަ އުފެއްދެވީ ޑީއާރުއާރުޕީއެވެ. އެމަނިކުފާނުގެ ވެރިކަމުގައި އުފެއްދެވި ސިޔާސީ ޕާޓީގައި ހުންނެވުމަށްފަހު ސިޔާސީ މައިދާނުން ދުރަށް ޖެހިވަޑައިގެންފައިކަން އިއުލާން ކުރެއްވި އެވެ. ނަމަވެސް އަލުން ސިޔާސީ މަސައްކަތްޕުޅަށް ނިކުމެވަޑައިގެން މަސައްކަތްޕުޅު ފެއްޓެވުމާއި ޑީއާރުޕީގައި ޖެހުނު ހަމަނުޖެހުންތަކަށްފަހު އެ ޕާޓީ ދޫކުރައްވާ ޕީޕީއެމްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި އެވެ.
ޕީޕީއެމްގެ ރައީސްއަކަށް ހުންނަވަނިކޮށް، އެ މަނިކުފާނު އެ މަގާމުން ވަކިކޮށް، ސިވިލް ކޯޓަށް ހުށަހަޅައިގެން ޕާޓީ ހިންގެވުމުގެ ބާރު ކުރީގެ ރައީސް އަދި މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން ނެންގެވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޯމަތިވެފައިވާއިރު މައުމޫނަށް ތާއިރު ކުރައްވާ މެމްބަރުން، އިންތިޚާބުގައި އެމްއާރުއެމްގެ ނަމުގައި ވާދަ ނުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ބައެއް ދާއިރާތަކަށް މައުމޫނުގެ ތާއިދާ އެކު ބޭފުޅުން ވާދަކުރައްވާނެއެވެ.