މަސްވެރިންނަށް ޚާއްސަކޮށް ދޫކުރާ ބޭންކު ކާޑު ބުދަ ދުވަހުގެ ރޭ ތައާރަފް ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެސްގައި ބާއްވާ ރަސްމިއްޔާތުގައި "މަސްވެރިޔާ ކާޑު" ތައާރަފުކޮށް ދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މަސްވެރިން ބޭންކިން ނިޒާމްގެ ތެރެއަށް ވަދެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.
ބެންކް އޮފް މޯލްޑިވްސްއާ ގުޅިގެން ތައާރަފުކުރާ މި ކާޑާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ މަސްވެރިޔާ ކާޑަކީ ފައިސާ ޖަމާކުރެވޭ އަދި ޚަރަދުތައް ކުރުމަށް ބޭނުންކުރެވޭނެ ކާޑެއް ކަމަށެވެ. އަދި އޭޓީއެމް އާއި ޕީއޯއެސްގައި މި ކާޑު ބޭނުންކުރެވޭނެ އެވެ.
މި ކާޑު ބޭނުންކުރުމަށް ބީއެމްއެލްގައި އެކައުންޓެއް އޮންނަން މަޖުބޫރެއް ނޫނެވެ.
މި ކާޑާއެކު، މަސްކިރުވުމަށް ފަހު ދޯންޏަށް ލިބޭ ފައިސާއާއި މަސްވެރިންނަށް ދޭ ފައިސާގެ މުއާމަލާތްތައް ބަލާލުމަށްޓަކައި، މޯބައިލް ޕޯޓަލް އެކްސަސްއެއް، ޚިދުމަތަށް ރަޖިސްޓްރީކުރާ ކޮންމެ ދޯންޏަކަށް ވެސް ބީއެމްއެލްއިން ދޭނެ އެވެ.
މިނިސްޓަރު ޒަހާ ވިދާޅުވީ މަސްވެރިޔާ ކާޑު ތައާރަފް ކުރުމުން ނަގުދު ފައިސާ އުފުލުމުގެ ރިސްކް ނަގަން ނުޖެހޭ ކަމަށާއި، މިކަމުގެ ސަބަބުން މަސްވެރިންނާއި މަސްވެރި އާއިލާތަކާއި އޮޑިވެރިންނަށް އަދި މަސް ގަންނަ ކުންފުނިތަކަށް ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
މިނިސްޓަރު ޒަހާ ވިދާޅުވި ގޮތުގައި މި ކާޑު ތައާރަފުކުރުމުން މަސްވެރިކަމުން ދައުލަތަށް ވަންނަ ފައިސާގެ އަދަދު ފަސޭހަ ކަމާ އެކު އެނގޭނެއެވެ.
''މަސްވެރިޔާ ކާޑު ތައާރަފް ކުރުމުން ވަރަށް ގިނަ ކަންކަން ފަސޭހަ ވެގެންދާނެ. މިހާރު މަސްވެރިކަމުން ގައުމަށް ލިބޭ މަންފާގެ މިންވަރު ނޭނގެ. އެކަމަކު މަސްވެރިޔާ ކާޑާއެކު މިކަން ފަހިވެގެންދާނެ. މީގެ އިތުރުން މި ދާއިރާގަ އުޅެނީ ކިތައް މަސްވެރިންތޯ ވެސް އެނގޭނެ. މިއީ ފެންޝަން ސްކީމް ކަހަލަ ކަންކަމަށް ލިބޭ ކުރިއެރުމެއް،" މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.
މިކާޑް ތައާރަފް ކުރުމާ އެކު ކާޑަށް އެޕްލައި ކުރާނެ ގޮތާއި، ތަފްސީލްތައް އާންމު ކުރާނެ ބީއެމްއެލުން ބުންޏެވެ.